ސައުތު އޭޝިއަން ގޭޟްސްއަށް ތައްޔާރުވާ ގައުމީ ފިރިހެން ޓީމު އިތުރު ތަމްރީން ހެދުމަށް ޓްރޭނިން ކޭމްޕެއްގައި ތައިލެންޑަށް ފުރައިފިއެވެ.

ބާސްކެޓް ޓީމު ތައިލެންޑްގައި ހަފުތާއެއްގެ މުއްދަތައް ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ރައީސް އަހްމަދު ހާފިޒު ވިދާޅުވީ ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްގެ އިވެންޓްތައް ލަހުން ފެށޭތީ ޓީމު ދާނީ ހަފުތާއެއްގެ މުއްދަތައް ޓްރޭނިން ކޭމްޕް ކުރިއަށް ގެންދިއުމަށްފަހު އެނބުރި މާލޭ އައިސް ކަމަށެވެ.

ގައުމީ ބާސްކެޓް ޓީމުގެ ކޯޗް އަހްމަދު ފަޔާޒު ބުނެފައިވަނީ ގައުމީ ބާސްކެޓް ޓީމުގެ މިފަހަރުގެ އަމާޒަކީ ރިހި މެޑަލް ހޯދުން ކަމަށެވެ.

އެމްބީއޭގެ ސެކެޓްރީ ޖެނަރަލް އަރީފް ރިޒާ ކުރިން ވިދާޅުވެފައިވަނީ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ކަޕް ނުވަތަ ސަބާ ޗެމްޕިއަންޝިޕާއި އޭޝިއާގެ އެހެން ބާސްކެޓް މުބާރާތްތަކުގައި ހޯދާފައިވާ ނަތީޖާ ތަކަށް ބަލާފައި ގައުމީ ފިރިހެން ޓީމަށް ސާފް ގޭމްސްގައި ރިހި މެޑަލް ނުހޯދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން ލޯ މެޑަލްއެއް ނޫން. އަމާޒަކީ އެންމެ ދަށްވެގެން ރިހި މެޑަލްއެއް ހޯދުން. ސަބާ ޗެމްޕިއަންޝިޕްގައި ދިވެހި ޓީމު ހޯދާފައިވާ ނަތީޖާތަކުން ރިހި މެޑަލް ނުހޯދެންވީ އެއްވެސް ސަބަބެއް ނެތް،" ރިޒާ ވިދާޅުވެފައިވެއެވެ.