ތިނަދޫއިން އަހުމަދު ސާއިލް އަލީ

ގދ. ތިނަދޫއިން ކަރަންޓް ކެނޑުމާއެކު ކިޔެވުން ހުއްޓާލާފައިވާ ތިނަދޫ ސުކޫލުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މާދަމާގެ ވަގުތެއްގައި ތިނަދޫއަށް އަނބުރާ ކަރަންޓު ދެވޭނެ ކަމަށް ފެނަކައިން ބުނާއިރު ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒީމާ އަބްދުﷲ "ސަން" އަށް މިއަދު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު މިރަށު ތިން ސްކޫލުގައިވެސް ކިޔަވައިދިނުން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ އާދިއްތަ ދުވަހު ފެށޭތޯ، ހެނދުނަށް ތައްޔާރު ވެގެން ނާދެވެންޔާ މެންދުރުފަހުވެސް ކިޔަވައިދިނުމަށް." ޒީމާ ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާއެކު ތިނަދޫއިން ކަރަންޓު ކެނޑިފައިވުމުން ސުކޫލުތަކުގައި ކިޔަވައިދިނުން ވަނީ ހުއްޓާލާފައެވެ.

މިދުވަސްވަރު ސްކޫލުގެ ދަރިވަރުން ވަނީ ކަރަންޓުކެނޑިފައިވާ ތިނަދޫގެ ރައްޔިތުންނަށް އެހީވެވުމަށް އެކި ހަރަކާތްތައް ހިންގާފައެވެ. އޭގެ ތެރޭގައި އަތުފަންކާ އާއި ފުޅިބައްތި ހަދައި ބެހުމާއި ގޭބިސީތަކަށް ސާފްތެޔޮ ބެހުމުގައި ހަރަކާތްތެރިވިއެވެ.