29 Jan 2016, 17:21
ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ އެ ކުލަބުގައި ހުރީ ހިތްހަމަޖެގެން އުފުލުގައި ކަމަށް ބުނެފި އެވެ.
ވާދަވެރި ރެއާލް މެޑްރިޑާއި މެންޗަސްޓާ ޔުނައިޓެޑުން ނޭމާ ހޯދަން އުޅޭ ކަމަށް ދެކެވޭ ވަހާކަތަކާ ގުޅޭ ގޮތުން ބެލިން ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި ނޭމާ ބުނީ އޭނާ އެ ކުލަބު ދޫކޮށްލަން ނުވިސްނާ ކަމަށާއި ކޮންޓްރެކްޓްގައި އަދި ދެ އަހަރު ބައިކީ އިބަ އޮތް ކަމަށެވެ.
"އަހަރެންނަށް ހުރިހާ އެއްޗެއް ވެސް ވަރަށް ފުރިހަމަ އަށް ލިބިގެން ބާސާގައި މިހުރީ. ބާސާ ދޫކޮށް ދިއުމަކީ ވަރަށް އުނދަގޫ ކަމައް. އެއީ މި ސިޓީ އަދި މި ކުލަބަކީ ވެސް އަހަރެންނަށް ވަރަށް ކަމުދޭ،" ނޭމާ ބުންޏެވެ.
ނޭމާ ވަނީ އޭނާ މުސްތަގްބަލްގައި އެހެން ޓީމަކުން ފެނިގެން ހިނގައިދާނެ ކަމަށާއި ކުރީގެ ބާސާގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ބުނެފަ އެވެ.
"އަހަރެންގެ ވިސްނުން ހުރޭ ކޮންމެ ވެސް ދުވަހަކުން އަހަރެންގެ އަމިއްލަ ގައުމު ބްރެޒިލްގައި ކުޅުމަށް. އަދި ކޮންމެ ވެސް ދުވަހަކުން އެމެރިކާގެ ކުލަބަކަށް ކުޅެން ވެސް ބޭނުން. އެ ދެ ގައުމަކީ މުސްތަގްބަލްގައި އަހަރެން އެންމެ ކުޅެން ބޭނުންވާ ދެ ގައުމު،" ނޭމާ ބުންޏެވެ.
ނޭމާ ބުނީ މުސްތަގްބަލާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމާ ކަމަށާއި ބާސެލޯނާގެ އެއްބަސްވުން އިތުރުކުރުމާ ގުޅޭ ގޮތުން ވެސް އަދި ވާހަކަ ދެކެވެމުން ނުދާ ކަމަށެވެ.
"އަހަރެން ބާސާގެ ސަޕޯޓަރުން ކައިރިން ބުނެލަން ބޭނުންވަނީ ހަމަޖެހިލާގެން ތިބުމަށް. އަހަރެން އަދި މި ހުރީ ބާސާގައި. ކުރިއަށް ވަރަށް ގިނަ މެޗުތަކެކުން މޮޅުވެގްން ލީގް ވެސް ކާމިޔާބު ކުރެވެން އޮތީ. ބާސާގައި މި ވަގިތު މި ކުރަނީ ވެސް އެ ކަންތައް،" ނޭމާ ބުންޏެވެ.
ބާސާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި ޒުވާން ފޯވާޑް ނޭމާ ވަނީ މިސީޒަނުގައި ސްޕެނިޝް ލީގްގައި އެނޭ ކުޅުނު 17 މެޗުގައި 16 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. އަދި ލީގްގައި އެ ޓީމް ވި ވަގުތު އޮތީ ވެސް އެއް ވަނާގަ އެވެ. އެއީ ކުޅުނު 20 މެޗުން 48 ޕޮއިންޓް ލިބިގެންނެވެ.