29 Jan 2016, 15:03
އެއަބަސް މަރުކާގެ 118 ފަސިންޖަރު މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމެއްގައި އީރާނާއި އެއާބަސްކުންފުނިން ސޮއިކޮށްފިއެވެ.
25 ބިލިޔަން އެމެރިކާ ޑޮލަރުގެ މިއެއްބަސްވުމުގައި އީރާނުގެ މަސްއޫލުވެރިންނާއި އެއާބަސް ކުންފުނީގެ މަސްއޫލުވެރިން ސޮއިކުރެއްވީ އީރާނުގެ ރައީސް ހަސަން ރޫހާނީ ފަރަންސޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
އެއްބަސްވުމުގެ ދަށުން އީރާނުން ގަތުމަށް ހަމަޖެހިފައިވާ ބޯޓުތަކުގެ ތެރޭގައި އެއާބަސްކުފުނިން އުފައްދާ އެންމެ ބޮޑު ސައިޒްގެ ބޯޓުކަމަށްވާ އޭ 380 މަރުކާގެ 12 ބޯޓު ހިމެނެއެވެ. މީގެއިތުރުން އެއާބަސް ކުންފުނިން އުފައްދާ ފުޅާސައިޒްގެ ބޯޓުތަކާއި ހިމަސައިޒްގެ ބޯޓުތައްވެސް މިޝިޕްމަންޓްގައި ހިމެނެއެވެ. 1995 ން ފެށިގެން އީރާނާދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި މަދަނީ މަތިންދާބޯޓުތައް އެގައުމަށް ވިއްކުމާއި އޭގެ ސްޕެއާޕާޓްސް އެގައުމަށް ވިއްކުން އެމެރިކާއާއި ޔޫރަޕުން ވަނީ މަނާކޮށްފައެވެ.
މިކަމުގެ ސަބަބުން ފާއިތުވި ވިއްސަކަށްއަހަރު ތެރޭގައި މަދަނީ ދަތުރުފަތުގައި އީރާނަށްވަނީ ގައުމަކަށް ތަހައްމަލް ކުރަންޖެހުނު އެންމެ ދަތިކަން ތަހައްމަލް ކޮށްފައެވެ. މިކަމުގެ ސަބަބުން ސްޕެއާނު ލިބިގެންނާއި މަތިންދާބޯޓުތައް ބައުވުމުގެ ސަބަބުން އެކިފަހަރުމަތިން އީރާނުގެ އެތަށް މަތިންދާބޯޓެއް ވެއްޓި އެތަށް ހާސްބަޔަކު މަރުވެފައިވެއެވެ. އަދި އީރާނުގެ ގައުމީ އެއާލައިން ކަމަށްވާ އީރާން އެއާ އާއި އެގައުމުގެ އަމިއްލަ އެއާލައިންތަކުގެ ބޯޓުތައްވެސް ވަނީ ވަރަށް ބާ ވެފައެވެ.
މިދަތިތަކުން ސަލާމަތްވުމަށާއި މިކަން ފޫބެއްދުމަށް ފާއިތުވި ވިއްސަކަށް އަހަރު އީރާނުން ކުރި މަސައްކަތްތަކުގެ ދަށުން އެގައުމުވަނީ މަތިންދާބޯޓު އުފެއްދުމުގެ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައެވެ. މިގޮތުން 80 ފަސިންޖަރުންނާއި 110 ފަސިންޖަރުންގެ ޖާގައިގެ ކުދި ބޯޓުތައް އީރާނުގެ އަމިއްލަ ޓެކްނޮލޮޖީގައި އެގައުމުންވަނީ އުފައްދަން ފަށާފައެވެ. މިބޯޓުތައް އެގައުމުގެ އެއާލައިންތަކުން ބޭނުންކުރަނީ އެތެރޭގެ އުދުހުންތަކަށެވެ.
މީގެއިތުރުން ރަޝިޔާގައި އުފައްދާ މަދަނީ މަތިންދާޓުގެ އެތަށް ބޯޓެއްވެސް އީރާނުން ގަނެފައިވެއެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. މިއާއެކު އީރާނުން އެންމެ ބޮޑު އިސްކަމެއް ދިނީ އެއަގައުމުގެ ވައިގެ ފްލީޓްތައް އައު ކުރުމަށެވެ. މިގޮތުން ކުރިޔަށްއޮތް އަށެއްކަ އަހަރުތެރޭގައި 500 މަތިންދާބޯޓު ގަތުމަށް އީރާނުންވަނީ ޕްލޭން ކޮށްފައެވެ.
އެއާބަސް ކުންފުނިން ގަތުމަށް އިއްޔެ އީރާނުން ސޮއިކުރި 118 ބޯޓަކީ މި 500 ބޯޓުގެ ޝިޕްމަންޓްގެ ތެރޭގައި ހިމެނޭ ބޯޓުތަކެވެ. އީރާން ގެންދަނީ އެމެރިކާގެ ބޮއިންގް ކުންފުނިންވެސް 200 ވަރަކަށް ބޯޓު ގަތުމަށް މަސައްކަތް ކުރަމުންނެވެ. (ރޮއިޓާސް)