މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތިނަދޫ ރައްޔިތުންނަށް 1500 ފެންކޭސް ހަދިޔާކޮށްފި އެވެ.

އެ ކުންފުނިން ތިނަދޫއަށް ބަހާފައި ވަނީ 1500 މިލިލީޓަރުގެ 1500 ފެންކޭހެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އެ ފެންކޭސްތައް ހަދިޔާކުރީ ތިނަދޫ އިންޖީނުގެ އަނދައި ހުލިވި ހާދިސާއާ ގުޅިގެން އެރަށު ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގައި ދަތިތަކެއް ތަހައްމަލުކުރަމުން މިދާ ދަނޑިވަޅުގައި އެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކަމަށެވެ.

ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން އެރަށު ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ގިނަ ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކުން ދަނީ އެކި ކަންކަން ކޮށްދެމުންނެވެ. އެގޮތުން އުއްބައްތިއާއި ފެން ފަދަ ތަކެތި އެރަށަށް ދަނީ ފޮނުވަމުންނެވެ.

ތިނަދޫ އިންޖީނުގޭގައި މިދިޔަ ހޯމަދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގެ އެއްކޮށް އަނދާފައިވާއިރު، އެރަށަށް ވަގުތީ ގޮތުން ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން މިހާރު ވަނީ ދެ ޖަނަރޭޓަރު ކަނޑުމަގުން ތިނަދުއަށް ފޮނުވާފައެވެ.

އެ ޖަނަރޭޓަރުތައް ހިފައިގެން ދިޔަ އުޅަނދު މިއަދު ހެނދުނު ވަނީ ތިނަދޫއަށް ގެންގޮސްފަ އެވެ. އަދި އެ ދެ ޖަނަރޭޓަރު މިއަދު އިރުއޮއްސެންވާއިރަށް ތިނަދޫއަށް ބޭލޭނެ ކަމަށާއި ލަސްވެގެން 12 ގަޑިއިރުގެ ތެރޭގައި ކަރަންޓް ދެވޭނެކަމަށް ފެނަކައިން ބުނެއެވެ.