29 Jan 2016, 15:14
މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ގައުމީ ވޮލީ ލީގުގެ ފައިނަލަށް ގުޑީސް ސްޕޯޓްސް ކްލަބާ ފެންފުށި ޒުވާނުންގެ ދިރުން ދަތުރުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުން ފެންފުށި ޖާގައެއް ހޯދީ ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު 3 ސެޓު 1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެމެޗުގެ ސެޓުތަށް ދިޔައީ 25-23, 25-20, 24-26, 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ފެންފުށީގެ ޝާމިލް އާދަމް އަށެވެ.
މުބާރާތުގެ ފައިނަލުން ގުޑީސް ޖާގަ ހޯދީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކްލަބު ހާފްލައިން ލިންކޭޖާ ވާދަކޮށް 3 ސެޓު 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ސެޓުތަށް ދިޔައީ 25-21, 25-17, 18-25, 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ގުޑީސްގެ ބިދޭސީ ކުޅުންތެރިޔާ ޕަރަމޭޝް ޕްރަސައްނަ އަށެވެ.
ޖުމްލަ 8 ޓީމު ވާދަކުރި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 9 ޖަހާއިރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.
އަދި ތިން ވަނަ ހޮވާ މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ހާފްލައިން ލިންކޭޖާ މިއަދު 16:00 ނިކުންނާނެއެވެ.