މިދިޔަ އަހަރުގެ މާޗް މަހާއި އަޅާބަލާއިރު މި އަހަރުގެ މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ ނިސްބަތް 6.7 ޕަސެންޓް މައްޗަށް ހިނގައްޖެ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މާޗް މަހު ރާއްޖެ އައި 80005 ޓޫރިސްޓުންނަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައި 74975 މީހުންނަށް ވުރެ 5030 މީހުން ނުވަތަ، 6.7 ޕަސެންޓް އިތުރު އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެއީ ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ 68.2 ޕަސެންޓެވެ. ރާއްޖެ އަށް ދެން އެންމެ ގިނަ އިން ޓޫރިސްޓުން އައިސްފައި ވަނީ އޭޝިޔާ ޕެސިފިކްގެ ގައުމުތަކުންނެވެ. އެއީ މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ 27.8 ޕަސެންޓެވެ.

ރިޒޯޓްތަކާއި ހޮޓާ ގެސްޓް ހައުސް އަދި ސަފާރީ އުޅަނދުތަކުގައި އެނދު ބޭނުންކޮށްފައިވާ އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާ އިރު އިތުރު ވެފަ އެވެ. އެގޮތުން ރިޒޯޓްތަކުގެ 90.5 ޕަސެންޓް އެނދު ވަނީ ބޭނުންކޮށްފަ އެވެ. އަދި ގެސްޓްހައުސްތަކުގެ 17.2 ޕަސެންޓް އެނދު ބޭނުންކޮށްފައިވާ އިރު ހޮޓާތަކުގެ 45.1 ޕަސެންޓް އެނދު ވަނީ ބޭނުންކޮށްފަ އެވެ. އަދި ސަފާރީ އުޅަނދުތަކުގެ 28.2 ޕަސެންޓް އެނދު ވެސް ބޭނުންކޮށްފައިވެ އެވެ.