19 Apr 2011, 14:40
އައިޖީއެމްއެޗްގައި އޮޕަރޭޝަންކޮށްފައި އޮއްވާ ފިލައިގެން ދިޔައީ ވައްކަމުގެ މައްސަލައެއްގައި ހަތަރު އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި ކުއްވެރިއެއް ކަމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޑޭޝަން ސާވިސަސް ]ޑީޕީއާރްއެސް[ ބުނެފި އެވެ.
ޑިރެކްޓާ ޖެނަރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގައި އޮޕަރޭޝަންކޮށްފައި އޮއްވާ ފިލީ ވައްކަމުގެ މައްސަލައެއްގައި ހަތަރު އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި ގދ. ފިޔޯރީ، ބްލާސަމް، އަހުމަދު ހައްސާން ސައީދު، 20 ކަމަށެވެ. ކ. މާފުށީ ޖަލުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން މާލެ ގެނައި ހައްސާން ފިލީ ފުރަގަސް ފަރާތު އޮޕަރޭޝަން ކުރުމަށްފަހު އެޑްމިޓްކޮށްފައި އޮންނަތާ ހަތަރު ދުވަސް ފަހުން ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.
ހައްސާން ފިލީ ކޮންބައެއްގެ އިހުމާލުން ކަމެއް ރަޝީދު ވިދާޅެއް ނުވެއެވެ. ވިދާޅުވީ މައްސަލައިގެ "ހާދިސާ ރިޕޯޓް" ލިބުމުން ސެކިއުރިޓީ ބެލެހެއްޓި ޑީޕީއާރްއެސްގެ އޮފިޝަލުންގެ އިހުމާލެއް އެކަމުގައި ވޭތޯ ބައްލަވާނެ ކަމަށެވެ.
ހާއްސާނު ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ 10:00 އެހާކަންހާއިރު ހައްސާން ފިލާފައިވަނީ ފުރަގަސްފަރާތު އޮޕަރޭޝަނެއްކޮށް އައިޖީއެމްއެޗްގެ ސާޖިކަލް ވޯޓްގައި އެޑްމިޓްކޮށްފައި އޮއްވަ އެވެ. އައިޖީއެމްއެޗުން ބުނީ ހައްސާން ފިލި މަންޒަރު ފެންނަ ވީޑިއޯ ކަމާބެހޭ ފަރާތަކަށް ހުށަހަޅާނެ ކަމަށެވެ.
މިދިއަ މާޗް މަހުގެ ކުރީގެ ކޮޅު ވެސް، 25 އަހަރަށް ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ ތ. ގުރައިދޫ، ރީތިގޭ، އިބްރާހިމް ރިފާއު، 28 ބޭސްފަރުވާއަށް އައިޖީއެމްއެޗަށް ގެނައުމުން ވަނީ ފިލާފަ އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުއްވެރިން ބޭސް ފަރުވާއަށް އައިޖީއެމްއެޗަށް ގެނައުމުން އެ ގައިދީން، ޑީޕީއާރްއެސްގެ ސެކިއުރިޓީ ބަލަހައްޓާ އޮފިޝަލުންގެ އަތް ދަށުން ފަސޭހަކަމާއެކު ފިލުމަކީ އާންމުކަމެކެވެ. އަދި އެ ގޮތަށް ފިލައިގެން، މުޖުތަމައުގައި އުޅޭ ކުއްވެރިން ފުލުހުން އަތުލައިގަނެވެނީ ދެވަނަ ފަހަރަށް އިތުރު ކުށަކަށް އަރައިގަތުމުންނެވެ.