ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަރުވާއަށް 'ދުވަސްނަގާނެ' ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ އޮޕަރޭޝަން ކުރެއްވުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ޑޮކްޓަރެއްގެ ލަފާ ހޯއްދަވާފައިވާ ކަމަށާއި ފަރުވާއަށް ދުވަސް ނަގާނެ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

އަދި އެމަނިކުފާނުގެ ފަރުވާއަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވެވަޑައިގެންނެވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ކަމަށް ވެސް ރައީސް ނަޝީދުގެ ވެބްސައިޓްގައި ވެއެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ވަޑައިގެންނެވި ނަޝީދު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ދަތުކުރެއްވުމަށް ހޯމް މިނިސްޓްރީން ހުއްދަދީފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިން ވިދާޅުވެފައި ވަނީ އެމުއްދަތަށް ވުރެ އިތުރަށް ރައީސް ނަޝީދު ރާއްޖޭން ބޭރުގައި ހުންނަވަން ޑޮކްޓަރު ލަފާ ދެއްވައިފި ނަމަ އެ ހުއްދަ ދެއްވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ހުންނަވަން ހުއްދަ ދެވޭނެ އެންމެ ދިގު މުއްދަތަކީ 45 ދުވަސް ކަމަށް އުމަރު ވަނީ ކުރިން ވިދާޅުވެފައެވެ.