28 Jan 2016, 19:21
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބާރުވެރި ކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ގޮވާލައި ހިނގާލުމެއް ބާއްވަން އެމްޑީޕީ އާއި އަދާލަތު ޕާޓީން ނިންމައިފިއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އޭސީސީ އާއި އޮޑިޓް އޮފީހުން ވެސް އެ ޕާޓީއަށް އެކަމާ ގުޅިގެން ދެވެންހުރި އެއްބާރުލުމެއް ދިނުމަށް ގޮވާލާ ކަމަށެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކާއި ޖަމްއިއްޔާތަކުން ވެސް އެ ހިނގާލުން ބޭއްވުމަށް އެ ޕާޓީއަށް އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ކަމާބެހޭ އިދާރާތަކުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރަމުންއަންނަ ގޮތާމެދު ޝިފާޒު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ޗެކްތަކުގައިވާ ފައިސާ ވަދެފައި ވަނީ ކާކުގެ އެކައުންޓަށްތޯ އާއި އެ ފައިސާ ބޭނުންކުރީ ކާކުކަން ތަހުގީގުން ހޯދަންޖެހޭނެ ކަމަށެވެ.
"ތަހުގީގު ކުރާ ފަރާތްތަކަށް އަޅުގަނޑުމެން މި ގޮވާލާ ވާހަކައަކީ ޗެކެއް ކޭޝްކުރީ ކޮން ބޭފުޅަކަށްތޯ. ޓްރާންސްފާކޮށްފަ އިނީ ކޮން އެކައުންޓަކަށްތޯ. އެހިސާބަކުން ނުއެއް ނިމޭ. އެ ފައިސާ ބޭނުންކުރީ ކޮންބޭފުޅެއްތޯ. ދެން އެފައިސާ ޖަމާކޮށްފަ ހުރީ ކޮންބޭފުޅެއްގެ އަނބިކަނބަލުންގެ އެކައުންޓަށްތޯ. ކޮންބޭފުޅެއްގެ އަމިއްލަ އެކައުންޓަކަށްތޯ ބަލަންޖެހޭނެ. އޭސީސީގެ ޒިންމާއަކަށްވާނީ އޮޑިޓާ ޖެނެރަލްގެ ޒިންމާއަކަށްވާނީ ވެސް އަދި ފުލުހުންގެ ޒިންމާއަކަށްވާނީވެސް މީގެ ނިމިފައި އޮތް ހިސާބު ހޯދުން،" ޝިފާޒު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާއިރު އެ ފައިސާއަށްވީގޮތް ހޯދަންޖެހޭ ކަމަށާއި ނަމަވެސް ތަހުގީގީ އިދާރާތަކުން އެ މަސައްކަތް ކުރާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތް ކުރެވޭނީ އޭސީސީ އާއި އޮޑިޓާ ޖެނެރަލަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ މާހައުލެއް ގާއިމްކޮށްދީގެން ކަމަށެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން މީގެކުރިން އޮޑިޓް ރިޕޯޓު ނެރުއްވުމުން އޮޑިޓާ ޖެނެރަލް ވަނީ މަގާމުން ދުރުކޮށްފައި ކަމަށެވެ. ނަމަވެސް އެފަދަކަންތައްތައް ވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.