ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަމާ ހަވާލުވި، ގައުމީ ޓީމުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް އިރުޝާދުގެ ދަށުން ނިއުގެ ފަރިތަކުރުންތައް މިއަދު ފަށައިފިއެވެ.

މިދިޔަ ސީޒަނުގައި ރެލިގޭޓްވި މަހިބަދޫ ސްޕޯޓްސް ކްލަބުގެ ކޯޗަކަށްހުރި ސްޓޮއިކޯފް ނިއުގެ ކޯޗުކަމާ ހަވާލުވާން މިއަދު މާލެ އައިސްފައިވާ އިރު އެ ކުލަބުން ޓާފް ދަނޑުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުން ތައް ގެންގޮސްފައިވަނީ އޭނާގެ އިރުޝާދުގެ ދަށުންނެވެ.

ސްޓޮއިކޯފް ނިއުއާ ހަވާލުވި އިރު މި ސީޒަނުގައި އެޓީމުގެ ސްކޮޑް ވަނީ ވޭތުވެ ދިޔަ ދެ އަހަރަށް ވުރެ ބަލިކަށިވެފައެވެ. އެގޮތުން އެންމެ ފަހުގެ ދިވެހި ލީގް އެ ޓީމުން ކާމިޔާބް ކުރިއިރު އެ ޓީމުގައި ހިމެނޭ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ޓީމް ދޫކޮށް ދިޔައިރު މި އަހަރުގެ ސީޒަނުގައި ސްޓޮއިކޯފް ނިކުންނާނީ ޒުވާން ގިނަ ކުޅުންތެރިން ތަކެއް ގޮވައިގެންނެވެ.

ނިއު އަށް އަލަށް ގުޅިފައިވާ މުހިންމު ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ވިކްޓަރީ އަށް ބަދަލުވި ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) އާއި ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި ފަރުހާދު އިސްމާއިލް (ފަރޭ) އާއި ފާރޫގު އިސްމާއިލް އާއި މުހައްމަދު ސާއިފް އަދި ކްލަބް އީގަލްސްގެ ފޯވާޑް މުހައްމަދު މުސްލިހު އެވެ.

އެކުޅުންތެރިންގެ އިތުރުން ނިއު އަށް ވަނީ ގާނާ ގޯލްކީޕަރެއް ކަމަށްވާ އަބޫ ސުލޭމާނާއި ނައިޖީރިއާ ޑިފެންޑަރެއް ކަމަށްވާ މައިކަލްގެ އިތުރުން ބަލްގޭރިއާ ޑިފެންޑަރެއް ކަމަށްވާ ވެލިޗްކޯ ވެލިޗޯފް ގެނައުމަށް ހަމަޖެހިފައެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނިއު އާއި ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފައިވާ ސްޓޮއިކޯފް ވަނީ 2005 ވަނަ އަހަރު އަހަރުގެ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދީފައެވެ. އަދި ގޯލްޑަން ޖުބުލީ އާއި ސާފް ޗެމްޕިއަންޝިޕުގައި ދެ ފަހަރެއްގެ މަތީން ގައުމީ ޓީމަށް އޭނާ ކޯޗުކޮށްދީފައިވެ އެވެ.