ތުރުކީން އިސްނަގައިގެން ބާއްވާ ބޮޑު ޓޫރިޒަމްގެ އެގްޒިބިޝަނެއް ކަމަށްވާ އީސްޓް މެޑިޓަރޭނިއަން ޓްއަރިޒަމް އެންޑް ޓްރެވެލް (އީއެމްއައިޓީޓީ) އެގްޒިބިޝަންގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިއަދު ބުނީ އެ ކޯޕަރޭޝަނުން އެމްއައިޓީޓީ އެގްޒިބިޝަންގައި ބައިވެރިވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފަސް ބައިވެރިއަކާ އެކުގައި ކަމަށެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އެކޯޕަރޭޝަނުގެ ފަރާތުން މެނޭޖިން ޑައިރެކްޓަރު މުޙައްމަދު އާދަމާއި ޗީފް އޮޕަރޭޓިން އޮފިސަރު މުޙައްމަދު ހަމްޒީލް އެ އެގްޒިބިޝަންގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ތުރުކީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަތާ 20 އަހަރުވެފައިވާ އެމްއައިޓީޓީ އަކީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައިނަލް އަގުވާމީ ފަރާތްތައް ވިއުގައަކުން ގުޅުވާލަދޭ އެގްޒިބިޝަނެކެވެ. އެހެންވެ، އެގްޒިބިޝަންގައި ބައިވެރިވުމަކީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް ރަނގަޅު އަސަރެއް ކުރުވާނެ ކަމެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އީއެމްއައިޓީޓީ އެގްޒިބިޝަންގައި ދުނިޔޭގެ 70 ގައުމަކުން ކުންފުނިތަކާއި ޖަމިއްޔާތަކާއި ރިސޯޓްތައް ހިމެނޭ ގޮތުން 4500 ފަރާތަކުން ބައިވެރިވެއެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ތަޔުޕް އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގެ 11 މާލަމެއްގައި އެ އެގްޒިބިޝަން ކުރިއަށް ދާނީ 70000 އަކަމީޓަރުގެ އެގްޒިބިޝަން ޖާގައިގައެވެ.

އެ އެގްޒިބިޝަންގައި ރާއްޖެއަށް ލިބިފައި ވަނީ 60 އަކަމީޓަރުގެ ޖާގައެކެވެ. އޭގެ އިތުރުން ރާއްޖޭގައި މިހާރު ފާހަގަކުރަމުންދާ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ އިޝްތިހާރުތައް ބައެއް ސިޑިތަކާއި ތަޅުންގަނޑުގައި ކޮށްފައިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.