28 Jan 2016, 18:42
މާލޭ އެރޭޓަޑް ވޯޓަރ ކޮންޕެނީ (އެމްއޭޑަބުލިއުސީ) އާއި ގައުމީ އެއާލައިން މޯލްޑިވިއަން އަދި ސަން މީޑިޔާ ގްރޫޕް ގުޅިގެން ގދ. ތިނަދޫ ރައްޔިތުންނަށް 1.5 ޓަނުގެ މިނެރަލް ވޯޓާ ހަދިޔާކޮށްފިއެވެ.
ސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒް ވިދާޅުވީ، ތިނަދޫ އިންޖީނުގެ އަނދައި ހުލިވި ހާދިސާއާ ގުޅިގެން އެރަށު ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގައި ދަތިތަކެއް ތަހައްމަލުކުރަމުން މިދާ ދަނޑިވަޅުގައި އެ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާކުރި 1.5 ޓަނުގެ ބޮނަކުއާ ފެނުގެ ބައެއް މިރޭގެ ވަގުތެއްގައި ތިނަދުއަށް ފޮނުވޭވަރު ވާނޭ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ، ކާޑެއްދުއަށް ދަތުރުކުރާ މޯލްޑިވިއަންގެ ފްލައިޓް ތަކުގައި ވީ އެންމެ އަވަހަކަށް ތިނަދުއަށް ފެންކޭސްތައް ފޮނުވުމަށް،" މިންހާ ވިދާޅުވިއެވެ.
މިންހާ ވިދާޅުވީ، 500 އެމްއެލްގެ ފުޅީގައި ބަންދުކޮށްފައި ހުރި ފެން ކޭސްތައް އެއްފަހަރާ ނުފޮނުވުނު ކަމުގައިވީ ނަމަވެސް މިރެއާ މާދަމާގެ ފްލައިޓްތަކުން އެ ފެން ތިނަދުއަށް ފޮނުވައި، ރައްޔިތުންނަށް ފޯރުކޮށްދެވޭވަރު ވާނޭކަމަށް ލަފާކުރައްވާ ކަމަށެވެ.
ތިނަދޫ އިންޖީނުގޭގައި މިދިޔަ ހޯމަދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގެ އެއްކޮށް އަނދާފައިވާއިރު، އެރަށަށް ވަގުތީ ގޮތުން ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން މިހާރު ވަނީ ދެ ޖަނަރޭޓަރު ކަނޑުމަގުން ތިނަދުއަށް ފޮނުވާފައެވެ. މާލެއިން ގެންދާ 2 ޖަނަރޭޓަރު ހިފައިގެން ދަތުރުކުރަމުންދާ އުޅަނދު މާދަމާ މެންދުރު ފަހު ތިނަދޫއަށް ވަންނާނެކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
މިދިޔަ އަހަރުގެ ކުރީ އަހަރު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގައި ބޯފެނަށް ޖެހުނު ރައްޔިތުންނަށްވެސް ސަން މީޑިއާ ގްރޫޕާއި އެމްއޭޑަބުލިއުސީ ގުޅިގެން ވަނީ ބޯފެން ފޯރުކޮށްދިނުމުގެ ހަރަކާތެއް ހިންގައިފައެވެ.