19 Apr 2011, 14:09
ބ. ކަމަދޫ ކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުަން ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ބައި އިލެކްޝަނެއް ބާއްވާ ގޮތަށް ހަމަޖައްސައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
ކަމަދޫ ރަށު ކައުންސިލް އިދާރާއިން ބުނީ، އިސްތިއުފާ ދެއްވާފައި ވަނީ އެމްޑީޕީ ޓިކެޓުގައި އެ ރަށު ކައުންސިލަށް ހޮވިވަޑަތްގެންނެވި ރަތްވިލާގޭ އަހުމަދު ޝަފީގު ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވީ "އަމިއްލަ ސަބަބަކާ" ހުރެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ފަސް މެމްބަރުން ހިމެނޭ އެ ކައުންސިލްގައި މިހާރު ތިއްބެވި ހަތަރު މެމްބަރުން ވެސް ނިސްބަތްވަނީ އެމްޑީޕީ އަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނަނީ، ކަމަދޫ ރަށު ކައުންސިލްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މޭ މަހުގެ ތިން ވަނަ ދުވަހު ނިޔަލަށް ހުޅުވަލައިފައިވާ ކަމަށެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު ބައި އިލެކްޝަނެއް ބާއްވާ ފުރަތަމަ ފަހަރެވެ.