ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުނި ދިރާގުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާއެއް ގާއިމުކޮށްފިއެވެ.

ދިރާގުން އައިޖީއެމްއެޗް ގައި ގާއިމު ކުރި ކުޑަކުދިންގެ "ޕްލޭ އޭރިއާ" ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓު ސަރަހައްދުގައި ދިރާގުން ގާއިމު ކުރި ޕްލޭ އޭރިއާ ހުޅުއްވައިދެއްވީ މިއަދު އެ ހޮސްޕިޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދާއި އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު ފަރްހަތު ޝަހީރެވެ.

ދިރާގުން އައިޖީއެމްއެޗް ގައި ގާއިމު ކުރި ކުޑަކުދިންގެ "ޕްލޭ އޭރިއާ" ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ ވިދާޅުވީ، ކުޑަކުދިންގެ ދުޅަހެޔޮކަމާއި ހައްގުތަކަށް މަސައްކަތް ކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަން މި ފެސިލިޓީއަކީ މިތަން ބޭނުން ކުރާ ކުޑަކުދިންނަށް ވަރަށް ހިތްގައިމު ބޭނުންތެރި އަދި ބެލެނިވެރިންނަށްވެސް އެކުދިންނަށް ރަނގަޅު މާހައުލެއް ހޯދައި ދިނުމަށް އިތުރު ތަނަވަސްކަމެއް ލިބިގެންދާނެ ފެސިލިޓީއަކަށް ވެގެން ދާނެ ކަމަށް..."، އިސްމާއީލް ވިދާޅުވިއެވެ.

އަދި އެ ހޮސްޕިޓަލުގައި އެފަދަ ސަރަހައްދެއް ގާއިމު ކުރުމުގެ ފުރުސަތު ދިރާގަށް ދީފައިވާތީ އައިޖީއެމްއެޗްގެ ސީއީއޯ އަށް ދިރާގުގެ ސީއީއޯ އިސްމާއިލް ޝުކުރުއަދާ ކުރެއްވިއެވެ.

ދިރާގުން އައިޖީއެމްއެޗްގައި ގާއިމު ކުރި ކުޑަކުދިންގެ "ޕްލޭ އޭރިއާ" ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު ފަރްހަތު ޝަހީރު ވިދާޅުވީ، އައިޖީއެމްއެޗްގައި މިއަދު ހުޅުވުނު ކުޑަކުދިންގެ ޕްލޭ އޭރިއާ އަކީ ހުރިހާ ގޮތަކުންވެސް ވަރަށް މުހިއްމު އޭރިއާއެއް ކަމަށެވެ.

"... އަޅުގަނޑުމެންގެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ އާބާދީގެ 35 ޕަސެންޓަކީ ގާތްގަނޑަކަށް ކުޑަކުދިން... އެހެންކަމުން އެބޭފުޅުން (ބެލެނިވެރިން) ޑޮކްޓަރަށް ދެއްކުމަށް ނުވަތަ ބަލިމީހުންނަށް ޒިޔާރަތް ކުރައްވާއިރު ކޮންމެވެސް މީހެއްގެ ބެލުމުގެ ދަށުން މި ސަރަހައްދުގައި އެކުދިން ބޭތިއްބުމަކީ ބަލިތަކުން އެކުދިން ރައްކާތެރި ވުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅަކަށް ވެގެންދާނެ"، ފަރްހަތު ވިދާޅުވިއެވެ.

ފަރްހަތު ވިދާޅުވީ، އައިޖީއެމްއެޗަކީ ހަމައެކަނި ބަލިމީހުންނަށް ޒިޔާރަތް ކުރާތަނެއްގެ ބަދަލުގައި އިޖުތިމާއީ ގުޅުންތައްވެސް ރަނގަޅު ތަނަކަށް ހެދުމަށް ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން މިއަހަރު ނިމޭއިރު އެ ހޮސްޕިޓަލު ތެރެއިން އެ މާހައުލު ފެންނާނެ ކަމަށްވެސް ފަރްހަތު ވިދާޅުވިއެވެ.

ދިރާގުން އަންނަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން މުހިއްމު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.