ޕެރިސް (ޖެނުއަރީ 28): މިހާތަނަށް ފެނުނު އެންމެ ފުޅާ އިރުގެ ނިޒާމް ނުވަތަ ސޯލާ ސިސްޓަމް އެސްޓްރޮނޮމަރުން ހޯދައިފި އެވެ.

އެސޯލާ ސިސްޓަމްގެ މެދުގައި އޮންނަ ތަރިއަށް ދީފައިވާ ނަމަކީ ޓީވައިސީ 9486–927–1 އެވެ. ޓީވައިސީ 9486–927–1ގެ ވަށައިގެން އެއްބުރު ޖެހުމަށް އެއްމިލިއަން ވަރަކަށް އަހަރު ނަގާ އާދަޔާ ހިލާފަށް ބޮޑު ޕްލެނެޓެއް އެ ސޯލާ ސިސްޓަމްގައި ހިމެނެ އެވެ. ޓޫމާސްޖޭ2126ގެ ނަންދީފައިވާ އެޕްލެނެޓުގެ ބަރުދަން ޖުޕިޓާގެ ބަރުދަނަށްވުރެ 15 ގުނަ އިތުރުވާނެ ކަމަށް އެސްޓްރޮނޮމަރުން ލަފާކުރެ އެވެ.

މީގެ ކުރިން އެއްވެސް ސޯލާ ސިސްޓަމަކަށް ނިސްބަތްނުވާ ކަމަށް ގަބޫލުކޮށްފައިވާ 2މާސްޖޭ2126އާއި ޓީވައިސީ 9486–927–1އާ ގުޅުމެއްވާކަން ކަން ސައިންސުވެރިންނަށް އެނގުނީ ޕްލެނެޓް ދައުރުވާ ގޮތް ބަލައިގެންނެވެ.

ޓީވައިސީ 9486–927–1އާއި 2މާސްޖޭ2126އާ ދެމެދު 6،900 އެސްޓްރޮނޯމިކަލް ޔުނިޓުގެ ދުރުމިން ހުރެ އެވެ. ސައިންސުވެރިން ވިދާޅުވީ އެއީ ދުނިޔެއާއި އިރާ އޮންނަ ދުރުމިނުގެ 7000 ގުނަ އިތުރު ދުރުމިނެއްކަމަށެވެ. އަދި އެ ތަރި ވަށައިގެން ޕްލެންޓެއް ދައުރު ކުރަން 900،000 އަހަރު ނަގާނެ ކަމަށެވެ. އެހެން ކަމުން އެއީ އެހެން ސޯލާ ސިސްޓަމްތަކާ އަޅާބަލާއިރު ތަރިއަކާ އޭގެ ވަށައިގެން ދަތުރުކުރާ ޕްލެނެޓަކާ ހުރި އެންމެ ބޮޑު ދުރުމިން ކަމަށް ސައިންސުވެރިން ފާހަގަކުރެ އެވެ.

މީގެ އިތުރުން، 2މާސްޖޭ2126ގައި އެއްވެސް ކަހަލަ ދިރިހުރި މަހުލޫގުންތަކެއް ދިރިއުޅުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ސައިންސުވެރިން ވިދާޅުވެ އެވެ.

މިހާތަނަށް ފެނުނު އެންމެ ފުޅާ އެސޯލާ ސިސްޓަމްގެ ހޯދުންތައް ޝާއިއުކޮށްފައި ވަނީ "މަންތްލީ ނޯޓިސެސް އޮފް ދި ރޯޔަލް އެސްޓްރޮނޯމިކަލް ސޮސައިޓީ"ގަ އެވެ.