ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ ހިނގި ހާދިސާގައި ކަރަންޓު ކެނޑި ހާލުގައި ޖެހިފައިވާ އެރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެރަށުގެ ހުރިހާ ގެތަކަށް ފެން ހަދިޔާކޮށްފި އެވެ.

އެމްޑަބްލިއުއެސްސީ ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ތިނަދޫގެ ކޮންމެ ގޭބިސީއަކަށް ފަސް ލީޓަރުގެ ފެން ކޭހެއް ވަނީ ހަދިޔާކޮށްފަ އެވެ. އެއީ 1300 ފެން ކޭހެވެ.

އެމްޑަބްލިއުއެސްސީގެ ފަރާތުން ތިނަދޫއަށް ފެން ކޭސް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އެވެ. ތިނަދޫ ރައްޔިތުންގެ ފަރާތުން ފެން ކޭސްތަކާ ހަވާލުވެލެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ މިރޭ 10 ޖަހާއިރު ފެން ހިފައިގެން ދޯނި ފުރާނެ ކަމަށާއި މާދަމާގެ ވަގުތެއްގައި ތިނަދޫ ރައްޔިތުންނާ ހަމައަށް ފެން ފޯރާނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ، ތިނަދޫ ރައްޔިތުންނަށް އެހީވުމަށް ހާއްސަ އޮޕަރޭޝަނެއްގެ ގޮތުން ފެން އުފެއްދުމުގެ މަސައައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، ތިނަދޫ ރައްޔިތުން ފެނަށް ބޭނުން ޖެހިފައިވާ ކަމަށެވެ.

އިންޖީނުގެ އަނދައި ހުލިވުމާ ގުޅިގެން އެމްޑަބްލިއުއެސްސީ އިން ވަނީ މީގެ ކުރިން ތިނަދޫއަށް އެއް މެގަ ވޯޓުގެ ޖަނަރޭޓަރެއް ވެސް ހަދިޔާކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އެއްކޮށް އަނދާފައިވާއިރު ވަގުތީ ގޮތުން ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. ނަމަވެސް މިހާރު 24 ގަޑިއިރު ވަންދެން ރަށުން ސަޕްލައި ފެނުގެ ހިދުމަތް ވަނީ ދޭން ފަށާފަ އެވެ.

އޭގެ އިތުރުން އެރަށުން އެއްކޮށް ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ އިރު، ވަކިވަކި ޖަނަރޭޓަރުތައް ބޭނުންކޮށްގެ ބައެއް މުއައްސަސާތަކަށް ކަރަންޓުގެ ޚިދުމަތް ދެމުންއައިނަވެސް ގޭ ބިސީތަކަށް އަދި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ.