އދ. މަޖިލިސް (ޖަނަވަރީ 28) : އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ގެ މަގާމުގެ މުއްދަތު މިއަހަރުގެ ފަހުކޮޅު ހަމަވާއިރު މިމަގާމު ދިނުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ބޭނުންވަނީ ބަލްގޭރިޔާގެ އަންހެން ޑިޕްލޮމޭޓެއްކަމަށްވާ އިރީނާ ބޮކޯވާ އަށްކަމަށް ޚަބަރު ލިބިއްޖެއެވެ.

އިރީނާއަކީ އދ. އަށް ނިސްބަތްވާ މުސްތަގިއްލު އެހެން އިދާރާއެއް ކަމަށްވާ ޔުނެސްކޯގެ (ވެރިޔާ) ޑައިރެކްޓަރ ޖެނެރަލް އެވެ. ބާންކީ މޫންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ ދެވަނަ ދައުރު މިއަރުގެ ފަހުކޮޅު ހަމަވާއިރު އިތުރު ދައުރެއް އޭނާއަށް ދިނުމަށް ދުނިޔޭގެ ބޮޑެތި ބާރުތައް ބޭނުމެއް ނުވެއެވެ. އިރީނާގެ އިތުރުން އެހެން ބައެއްގައުމުތަކުގެ އިސް ޑޮޕްލޮމޭޓުންނާއި ކުރިން ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅުން މިމަގާމަށް ކުރިމަތިލެއްވުމަށް ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް ކުރިމަތި ލެއްވޭނީ އދ. ގެ މެންބަރު ގައުމަކުން ސްޕޮންސަރ ކޮށްގެންނެވެ. އަދި އެމަގާމު ލިބޭނީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްގެން ކަމަށްވާތީ އެމަގާމަށް އާދެވޭނީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދުނިޔޭގެ ބޮޑު ފަސްބާރުކަމަށްވާ އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުގެ ރުހުން ލިބިގެންނެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ދިނުމުގައި ދުނިޔޭގެ ބޮޑު ފަސްބާރުން ވަކި އުސޫލުތަކެއް ގެންގުޅެއެވެ. މީގެތެރޭގައި ދުނިޔޭގެ އެކި ކޮންޓިނެންޓްތަކަށް ހަމަހަމަވާގޮތަށް އެމަގާމަށް ބޭފުޅުން ހަމަޖެއްސުމާއި ހުސް ފިރިހެން ބޭފުޅުންގެ ބަދަލުގައި އަންހެންބޭފުޅަކަށްވެސް އެމަގާމު ދިނުންފަދަ އުސޫލުތައް ހިމެނެއެވެ.

ބަލްގޭރިޔާގެ އަންހެން ޑިޕްލޮމޭޓް އިރީނާ ބޮކޯވާ އަށް މިމަގާމް ދިނުމަށް ދުނިޔޭގެ ބޮޑު ފަސްބާރު ރުހޭކަންކަމުގެ ތެރޭގައި އޭނާއަކީ އަންހެނަކަށްވުމާއި އިރުމަތީ ޔޫރަޕަށް ނިސްބަތްވާ ބޭފުޅަކަށް ވުން ހިމެނެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު މިހާތަނަށް އަންހެން ބޭފުޅަކަށް ދީފައެއް ނުވެއެވެ. އަދި އިރުމަތީ ޔޫރަޕްގެ ގައުމަކަށް ނިސްބަތްވާ ބޭފުޅަކަށްވެސް މިމަގާމު އަދި ދީފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)