ހާރިޖީ ވަޒީރު ދުންޔާ މައުމޫން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު، ނަވާޒް ޝަރީފާ ބައްދަލުކުރައްވައިފި އެވެ.

އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، މިނިސްޓަރު ދުންޔާ ވަނީ ރައީސް ޔާމީންގެ ހެޔޮ އެދުންތައް ބޮޑުވަޒީރަށް ދަންނަވައިފަ އެވެ. އަދި ޕާކިސްތާނުން މިނިސްޓަރު ދުންޔާ އަށް ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާ، އަވަސް މުސްތަގުބަލެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިއަދު އޮތް ބައްދަލުވުމުގައި ނަވާޒް ޝަރީފް ވަނީ ރާއްޖެ އަކީ އަމިއްލަވަންތަ ގައުމެއްކަން ފާހަގަ ކުރައްވައި 80ގެ އަހަރުތަކުން ފެށިގެން ދެގައުމުގެ މެދުގައި އޮންނަ ގާތް ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

އަދި މިނިސްޓަރު ދުންޔާ ވަނީ ރައީސް ޔާމީންގެ ފަރާތުން ބޮޑުވަޒީރަށް ސިޓީފުޅެއް އަރުވާ، ޕާކިސްތާނުގެ ސަރުކާރުން ރާއްޖެ އަށް ފޯރުކޮށްދެއްވާ އެހީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެ އިން ޕާކިސްތާނަށް ހަމަޖައްސާފައި ހުންނަ ހައި ކޮމިޝަނަރު އަހުމަދު ސަލީމާއި ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ފަރުޒާނާ ޒާހިރު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިތުރުން މިނިސްޓަރު ދުންޔާ ވަނީ ބޮޑުވަޒީރުގެ އެޑްވައިޒާ ފޯ ފޮރިން އެފެއާޒް، ސަރްތާޖް އަޒީޒާއި ސްޕެޝަލް އެސިސްޓެންޓް ފޯ ފޮރިން އެފެއާޒް، ސާއިދް ތާރިގް ފާތިމީއާ ބައްދަލުކުރައްވާފަ އެވެ.