28 Jan 2016, 15:18
އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ކޮމިޓީތަކަށް ރާއްޖޭގެ ފަރާތުން ކުރިމަތިލި ހަތް މެންބަރުން އެ މަގާމްތަކަށް ހޮވިއްޖެ އެވެ.
އޭޝިއާގެ ކުޅިވަރުގެ މައި އިދާރާގެއި ޖުމްލަ 45 މެމްބަރު ގައުމު ހިމެނޭ އިރު އެ އިދާރާގެ ކޮމެޓީ ތަކުގައި ރާއްޖޭގެ ފަރާތުން ތިއްބަވާނީ ކަލްޗާ ކޮމިޓީގައި އަހްމަދު ލަތީފް އާއި، މީޑިއާ ކޮމެޓީގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް އަހްމަދު މަރްޒޫގް އަދި މެޑިކަލް ކޮމިޓީ ގައި އުމާނާ ނޫރުއްދީން އާއި ސްޕޯޓްސް އެންޑް އެންވަޔަރަންމެންޓް ކޮމިޓީއަށް އޮލިމްޕިކް ކޮމިޓީގެ ޓްރެޜަރާ ހުސެއިން ރަޝީދު އެވެ.
މީގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީގެ މަގާމު ކުރިން ފުރުއްވި މުހައްމަދު ހާނިމް ސްޕޯޓްސް ކޮމިޓީ ގައި ހުންނަވާއިރު މުހައްމަދު އަބްދުލް ސައްތާރު ވަނީ ސްޕޯޓްސް ފޯ އޯލް ކޮމިޓީ އަށް ހޮވިފައެވެ. އަދި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވަނީ އެޑްވައިޒަރީ ކޮމިޓީ އަށް ހޮވިފައެވެ.
ރާއްޖޭގެ ފަރާތުން އެ ކޮމެޓީތަކަށް ކުރިމަތިލެއްވި ހަތް ބޭފުޅުންވެސް އެ މަގާމު ތަކަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ އެގްޒެކްޓިވް ބޯޑުން ނަގާފައިވާ އިރު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް އަހްމަދު މަރްޒޫގް (މަރޭ) މިއަދު 'ސަން' އަށް ވިދާޅުވީ، އެ ބޭފުޅުން އެ ކޮމެޓީތަކަށް ނެގުމާކީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުތަކަށް އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށެވެ.
"ރާއްޖޭގެ ކުޅިވަރު މިހާރު މި އޮތް ހިސާބުން އެހެން ހަރުފަތަކަށް ގެންދަން އެބަޖެހޭ. މިހާރަށް ވުރެ ގިނައިން ރާއްޖެއިން ބައިވެރިވާ ބައިނަލަގްވާމީ އެސޯސިއޭޝަންތަކުގައި ރާއްޖޭގެ ބޭފުޅުން ތިއްބަވަން. އެހެން ކަމަށް ވެގެންދާނެމަ ރާއްޖެއަށް ވަރަށް ގިނަ ކުރިއެރުންތައް ލިބިގެން ދާނެ؛" މަރޭ ވިދާޅުވިއެވެ.
ރާއްޖޭގެ ފަރާތުން ހަތް ބޭފުޅުން ހޮވުމާއި ގުޅުގެން މަރޭ ވިދާޅުވީ، އެ އިދާރާގެ ކޮމެޓީ ތަކުގައި އެއް ގައުމަކުން އެންމެ ގިނަ މެމްބަރުން ތިއްބަވާ ގައުމަކަށް ރާއްޖެ ވެގެން ދާނެ ކަމަށެވެ.
އޭޝިއާގެ އޮލިމްޕިކް ކައުންސިލްގެ 35 ވަނަ އޯސީއޭ ޖެނެރަލް އެސެމްބްލީ މި އަހަރު ތެރޭގައި ބާއްވަން ހަމަޖެހިފައިވާ އިރު އެ އެސެމްބްލީ އޮންނާނީ ސެޕްޓެމްބަރު މަހުގެ 25 ގައި ވިއެޓްނާމްގެ ޑަނަންގް ގައެވެ.