28 Jan 2016, 15:16
ތިނަދޫން: އަހުމަދު ސާއިލް އަލީ
ކަރަންޓު ކެނޑި ހާލުގައި ޖެހިފައިވާ ގދ. ތިނަދޫ ރައްޔިތުންނަށް އެކި ފަރާތްތަކުން ފޮނުވާފައިވާ ތަކެތި ބެހުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު(އީއޯސީ) އިން ބުނެފި އެވެ.
ކަރަންޓު ކެނޑުމުން އެކުލަވާލާފައިވާ އީއޯސީގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ތިނަދޫ ކައުންސިލް މެމްބަރު ގުސައްޔު އަބުދުﷲ ވިދާޅުވީ މިރަށަށް ބޭނުންވާ ވަރަށް މިއަދު އުށްބައްތި ލިބޭނެ ކަމަށާއި އެތަކެތި ލިބުނުހާ އަވަހަކަށް އުށްބައްތި އާއި ލެޑް ލައިޓުގެ އިތުރުން ފެން މިއަދު ބަހާނެ ކަމަށެވެ.

އީއޯސީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ
ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ ގިނަ މުއައްސަސާތަކަކަށް ބޭނުންވާ އަސާސީ ކަރަންޓު މިހާރު ފޯރުކޮށްދެވިފައިވާ ކަމަށެވެ. އާބާދީގައި 10400 މީހުން ދިރިއުޅޭ މިރަށުގެ 645 ގެ އަކަށް ތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރަންޓު ނެތުމާ އެކު މަދިރީގެ މައްސަލަ ބޮޑުވުމުން އެކަން ހައްލު ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ކަނޑުމަގުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު ހުސެއިން ރަޝިދު ވަނީ ވިދާޅުވެފަ އެވެ.
ތިނަދޫ ފެނަކައިގެ ޓެކްނިކަލް މެނޭޖަރު މުސްތަފާ ހަސަން ވިދާޅުވީ މިއަދު އިރުއޮއްސުމުގެ ކުރިން މިރަށު ތައުލީމީ މަރުކަޒާއި ތިނަދޫ ބޮޑުމިސްކިތްކަމަށްވާ މަސްޖިދުލް އިހްލާސް އާއި ތިނަދޫ ސުކޫލަށް ކަރަންޓް ދެއްވާނެ ކަމަށެވެ.