މަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާއިން ބައެއް ވެއްޓުމާ ގުޅިގެން މާރުކޭޓުގެ ބޮޑު ބައެއް ބަންދުކޮށްފި އެވެ.

މިއަދު ހެނދުނު ރޯ މަސް މާރުކޭޓްގެ ފުރަތަމަ ފަންގިފިލާގެ ޝީޓުން ބައެއް ވެއްޓި މާރުކޭޓްގެ ބޮޑު ބައެއް ބަންދު ކުރުމުގެ ސަބަބުން ކުޑަ ޖާގައެއްގައި މަސް ވިއްކުމަށް މަސްވެރިންނަށް ވަނީ ދައްޗާ ކުރިމަތިވެފަ އެވެ. މީގެ އިތުރުން ބަންދުކުރި ބަޔަށް މީހުން ވަނުން މަނާކޮށްފައިވާތީ އާންމުންނަށް ވެސް ވަނީ މާރުކޭޓުން ހިދުމަތް ހޯދުމުގައި ދަތިތައް ކުރިމަތިވެފަ އެވެ.

މާލޭ މޭޔަރު ސަރަންގު އާދަމް މަނިކު މިއަދު ވިދާޅުވީ ރޯ މަސް މާރުކޭޓްގެ ފުރަތަމަ ފަންގިފިލާއިން ބައެއް ވެއްޓުމާ ގުޅިގެން، އެ އިމާރާތުގައި ހިންގާ ސައިހޮޓާ(މާރުކޭޓް ހޮޓާ) އާއި އެހެނިހެން ވިޔަފާރިތަކަށް ބޭނުން ކުރާ ތަންތަން ހުސްކުރުމަށް ވެސް މިއަދު އަންގާފައިވާނެ ކަމަށެވެ. އެ ތަންތަން ހުސްކުރަން މާލޭ ސިޓީން ކައުންސިލުން އެންގި ނަމަވެސް އެ ފަންގިފިލާގައި އަދިވެސް މާރުކޭޓް ހޮޓަލާއި ވިޔަފާރި ކުރާ އެހެން ތަންތަނުގެ މަސައްކަތް ހުއްޓާލާފައެއް ނުވެ އެވެ.

"އެމީހުންނަށް ވެސް ހުސްކޮށްލަން ވަގުތު ބޭނުންވާނެ. އެ މީހުން މިތަނަށް އައިސްގެން މައްސަލަތަކެއް ވެސް އެބަހުރި. ފާސޭހަ ކަންތައްތަކެއް ނޫނެއްނޫންތޯ މިހުންނަނީކީ،" ސަރަނގު ވިދާޅުވި އެވެ.

މޭޔާ ވިދާޅުވީ މަސް މާރުކޭޓްގެ ފަންގިފިލާއިން ބައެއް ވެއްޓުމާ ގުޅިގެން އެކަމަށް ވަގުތީ ހައްލެއް ހޯދަން މަސައްކަތް ފަށާފައިވާ ކަމަށާއި މަސް ވިއްކާނެ ތަނެއް މަސްވެރިންނަށް ފަހި ކޮށްދެވޭ ބަލަމުން އަންނަ ކަމަށެވެ.

"މަރާމާތް ވެސް އެހާ ބޮޑަކަށް ނުކުރެވޭނެ. އަކިރި އާއި ވެލިން ކޮންކިރިޓްކޮށްފައި ހުރިތަނެއް މިހާރު ދަގަނޑުތައް، އެއްޗެހި ނެއްޓެމުން އެދަނީ. ރަގަނޅަށް އެކަން ކުރެވުނުނަމަ 30، 60 އަހަރަށް ހުންނަންވާނެ ތަނެއް އެއީ،" މާރުކޭޓް އިމާރާތްކޮށްފައި ހުރިގޮތާމެދު ހިންހަމަނުޖެހިވަޑައިގެން ސަރަނގު ވިދާޅުވި އެވެ.