28 Jan 2016, 14:55
ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅުވައިގެން މީހުން ކެންސަރަށް ހޭލުންތެރި ކުރުވުމަށް ސޯޝަލް މީޑިއާ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.
"ޓޯކިންގ ހޭންޑްސް"ގެ ނަމުގައިި ކުރިއަށްދާ އެ ކެމްޕެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށެވެ.
ކެންސަރ ސޮސައިޓީން ބުނީ، އެ ކެމްޕެއިންގައި ބައިވެރިވުމަށް "އަހަންނަށް ވާނެ" ތީމުގެ ދަށުން އަތުގައި މެސެޖެއް ލިޔުމަށްފަހު ފޮޓޯއެއް ނެގުމަށެވެ. އަދި އެ ފޮޓޯEnmenEkee#ހޭޝް ޓެގުގައި ސޯޝަލްމީޑިއާ އަށް އަޕްލޯޑު ކުރުމަށެވެ.
އެ ހޭޝްޓެގުގެ ދަށުން މީހުން އަޕްލޯޑު ކުރާ ފޮޓޯތައް "ވޯލްޑް ކެންސާ ޑޭ.އޯއާރްޖީ" ވެބަސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ކެންސަރު ސޮސައިޓީ އިން ބުނެއެވެ.
އެ ސޮސައިޓީ އިން ބުނީ، ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅުވައިގެން އަންނަ ފެބްރުއަރީ މަހު ފަސް ވަނަ ދުވަހު މާލޭގައި ފިޓްނެސް ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ހަމައެހެންމެ، އޭޑީކޭ އާ ގުޅިގެން ފެބްރުއަރީ ހަތަރު ވަނަ ދުވަހާއި ފަސްވަނަ ދުވަހު އޯރަލް އަދި ޕްރޮސްޓޭޓު ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ގއ. ވިލިނގިލި އަދި އެ އަތޮޅު ދާންދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ކެންސަރު ސޮސައިޓީ އިން ބުނެއެވެ.
ދުނިޔޭގެ ކެންސަރު ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ ހަތަރު ވަނަ ދުވަހެވެ.