ތިނަދޫން: އަހުމަދު ސާއިލް އަލީ

ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އަނދާފައިވުމުން އެކަމުގައި މިނިވަން ތަހުގީގެއް ހިންގުމަށް ތިނަދޫ ކައުންސިލުން ގޮވާލައިފި އެވެ.

ތިނަދޫ ކައުންސިލް މެމްބަރު އަބްދުﷲ ސަނީފް މިއަދު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިރަށަކީ އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ ރަށަކަށްވެފައިވާ އިރު އެތުހުމަތުތައް ކުރެވިގެން ދަނީ އެމްޑީޕީއަށާއި ރަށު ކައުންސިލަށް ކަމަށެވެ. ހެންކަމަށް ވުމާ އެކު އެތުހުމަތުތަކުން ބަރީއަވުމަށް ޓަކައި މިނިވަން ތަހުގީގެއް ހިންގުމަށް އޭނާ ގޮވާލެއްވި އެވެ.

"ކައުންސިލަކީ އެމްޑީޕީ ކައުންސިލްއެއް ވީމާ ކައުންސިލް ބޮލަށް ކަނޑާލުމަށް އެބަ މަސައްކަތް ކުރޭ، އެހެންވީމާ މިނިވަން ތަހުގީގެއް ނުހިންގިއްޔާމު ދިއްކުރާ ތުހުމަތުގެ އިގިއްޔަކުން އަޅުގަނޑުމެންނަށް ބަރިއްޔަ ވެގެން ނުދާނެ ނޫން ތޯ." ސަނީފް ވިދާޅުވި އެވެ.

މިނިވަން ތަހުގީގެއް ނިންމައި ވީހާ އަވަހަކަށް އެކަން ހާމަކޮށް އެކަން ކުރިބައެއް ހޯދައި އެބަޔަކަށް ހައްގު އަދަބު ދިނުން ނުވަތަ އެކްސިޑެންޓަކުން ހިނގި ކަމެއް ކަމުގައިވާ ނަމަ އެފަދަ ކަންކަން ތަކުރާރު ނުވާގޮތަށް އިންތިޒާމްތައް ބެހެއްޓުމަށް ސަނީފު ގޮވާލެއްވި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އެއިންޖީނުގޭ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފަ އެވެ. އެއާ އެކު މިރަށުން މިވަނީ ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފަ އެވެ.