28 Jan 2016, 14:26
ޏ. ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ކޮށްގެން 'ކައްޓެޅި ފޯރި'ގެ ނަމުގައި ކައްޓެޅި ބޭނުމުގެ މުބާރާތެއް ބޭއްވުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އިން ނިއްމައިފިއެވެ.
އެލައިޑްގެ ފަރާތުން މިއަދު ހެނދުނު ފެން ބިލްޑިންގެ ދެވަނަ ފަންގިފިލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު ނިޔާޒް މުހައްމަދު ވިދާޅުވީ، އެ މުބާރާތަކީ އެ ކުންފުނީގެ ފަރާތުން އަންނަ އަހަރު އަލަށްދިނުމަށް ހަމަޖެހިފައިވާ ހަލް އިންޝުއަރެންސް ހިދުމަތާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.
"ހަމަ އެކަނި ހޭލުންތެރި ކަމުގެ ޕޮރުގުރާމެއް ހިންގުމުގެ ބަދަލުގައި އަޅުގަނޑުމެން މި ވިސްނީ، ސަގާފީ އިވެންޓަކާއި އެކު ކުރިއަށް ދާން. އެގޮތުން ކައްޓެޅި ބޭނުމަކީ ފުވައްމުލަކަށް ހާއްސަ ކަމަކަށް ވާތީވެ އެ ރަށުން އެ ޕްރޮގްރާމް ފަށާގޮތަށް މި ނިންމީ،" ނިޔާޒް ވިދާޅުވިއެވެ.
އެ މުބާރާތް އަންނަ މަހު 19 ގައި ފުވައްމުލަކުގައި ފަށާން ހަމަޖެހިފައިވާއިރު އެލައިޑްގެ މާކެޓިންގެ އޮފިސަރު އައިޝަތު ރިޝްފާ ވިދާޅުވީ، މިއަދުން ފެށިގެން އަންނަ މަހުގެ ދިހަ ވަނަ ދުވަހާއި ހަމައަށް އެމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެންމެ ފުރަތަމަ އެ މުބާރާތުގައި ބައިވެރިވާން ހުށަހަޅާ 12 ޓީމަށް އެފުރުސަތު ދެވިގެން ދާނެ ކަމަށެވެ.
"ކޮންމެ ޓީމެއްގައި ވެސް މަދުވެގެން ތިން ބޭފުޅުން އަދި ގިނަވެގެން ތިން ބޭފުޅުން ހިމަނަން ޖެހޭނެ. މުބާރާތުގައި ބާއިވެރިވެވޭނީ ބޮއްކުރާ ސައިޒްގެ އުޅަދުތަކަށް އެކަނި،" ރިޝްފާ ވިދާޅުވިއެވެ.
އެ މުބާރާތުން އެއް ވަނައަށްދާ ޓީމަކަށް 20،000ރ.، ދެވަނަ އަށްދާ ޓީމަކަށް 10،000ރ.، ލިބިގެންދާ އިރު ތިން ވަނަ އަށްދާ ޓީމަކަށް ހުށަހަޅާފައިވަނީ 5،000ރ. ގެ ފައިސާގެ އިނާމެވެ.
ރިޝްފާ ވިދާޅުވީ، އެ މުބާރާތުގައި ވާދަކުރަން ބޭނުންވާ ބޭފުޅުން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށާއި ފޯމް ލިބެން ހުންނާނީ ފުވައްމުލަކުގެ ހުރިހާ ކައުސިލަކުންނާއި އެ ރަށުގައި ހުންނަ އެލައިޑްގެ ކައުންޓަރުން ކަމަށެވެ.
އޭނާ ވިދާޅުވީ، މިއަހަރު އެމުބާރާތް އަލަށް ފަށާއިރު މުބާރާތަށް ލިބޭ ތަރުހީބަށް ބަލާފައި ކޮންމެ އަހަރަކުވެސް މިއަހަރަށް ވުރެ ފުޅާކޮށް ރަށުގައި އެ މުބާރާތް ބާއްވާނެ ކަމަށެވެ.