ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލް ތެރޭގައި ޒުވާނަކަށް ކަތިވަޅިން ހަމަލާދިން މައްސަލައާ ގުޅިގެން މީހަކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ހ. ސައިބާން އަލީ ރިފާންގެ މައްޗަށެވެ.

ސ. ހިތަދޫ ދޮންފަތް ބަގީޗާގޭ އަލީ އަކްސަރު އަހްމަދަށް ކަތިވަޅިން ހަމަލާދީފައި ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހަވީރު އެވެ.

ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލްގެ ދޮރުމަތީގައި ހުއްޓައި ކަތިވަޅިއެއް ހިފައިގެން ހަތަރު މީހުންގެ ގްރޫޕަކުން އަކްސަރާ ދިމާލަށް ދިޔުމުން އޭނާ ސަލާމަތްވާންވެގެން ވަނީ އެ ސްކޫލް ތެރެއަށެވެ. އެވަގުތަކީ ބެލެނިވެރިން ދަރިވަރުން ބަލައި ސްކޫލް ދޮދަށް ގޮސްތިބި ވަގުތެއް ކަމުގައި ވުމުން އެ ހާދިސާ ހިނގާފައި ވަނީ ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ކުރިމަތީގަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އެ ހާދިސާ ހިނގިތަން ކަމުގައިވާ ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލްތެރެއިން އަނިޔާލިބުނު މީހާ އަށް ރިފާން ހަމަލާދިން ކަމާއި އަދި އޭނާ އެތަނުން ހިފެހެއްޓިކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

އަދި ރިފާން ލައިގެން ހުރި ޓީޝާޓުން ލިބުނު ޑީއެންއޭ ޕްރޮފައިލް އަނިޔާލިބުނު މީހާގެ ޑީއެންއޭ ޕްރޮފައިލްއާ ދިމާވާ ކަމަށް ޑީއެންއޭ ޕްރޮފައިލް ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ރިފާންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރިފާންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރި ގއ. ދާންދޫ، ފަހުދާވާދީ ފައްސާން ވަލީދާއި ހ. ރޯޒަންޑެލް ޝައިބާން ޒުފްރަތް އިސްމާއީލް އަދި ގދ. ގައްދޫ ދަނބު ފަށުއިގޭ އުލްޔާން އަހްމަދު އަނިޔާ ލިބުނު ޒުވާނާއާ މެދު މާރާމާރީ ހިންގިކަން ސާބިތުވާ ވަރުގެ ކާފީ ހެކި ދައުލަތުން ހުށަހަޅާފައިނުވާތީ އެ ހަތަރު މީހުންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު ނުވާ ކަމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.