މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކާ އޮތް އޮތުމަކީ، އެފަރާތްތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ބެލެވެން ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

މިނިސްޓްރީ އިން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 13 ރަށަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 54,110,331.00 ރުފިޔާ ދައުލަތަށް ލިބެންޖެހި، ނުލިބި ވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަ އެކޮމިޝަނުން ތަހްގީގު ކުރުމަށްފަހު ބުނެފައި ވަނީ އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެން ނުވާ ކަމަށެވެ.

އޭސީސީން ބުނީ މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާބެހޭ މައުލޫމާތު މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން މިނިސްޓްރީ އަށް ފޮނުވުމުން، ކުލި ދައްކާފައިނުވާ ފަރާތްތަކަށް ކުލި ދެއްކުމަށް އަންގައި މިނިސްޓްރީން ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާކަން އެނގެން އޮންނަ ކަމަށެވެ.

އަދި ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ތަންތަނުގެ ކުލި ބަލައިގަތުމާއި ކުލި ނުދައްކާ ފަރާތްތަކާމެދު މިހާރު ފިޔަވަޅު އަޅަނީ މީރާއިން ކަމަށް ވާއިރު، ކުއްޔާއި ޖޫރިމަނާ ނުދައްކާކަމަށް ފާހަގަކޮށްފައިވާ 13 ރަށުގެ ތެރެއިން އަށް ރަށާ ގުޅޭ މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަން އޭސީސީން ވަނީ ފާހަގަ ކޮށްފަ އެވެ.

މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާކަމަށް ފާހަގަކޮށްފައިވާ 13 ރަށުގެ ތެރެއިން ހަ ރަށަކުން ކުއްޔާއި ޖޫރިމަނާ ފައިސާ މިހާރު ދައްކައި ނިންމާފައިވާ ކަމަށާއި ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާހުރި ހަތް ރަށުގެ ތެރެއިން ފަސް ރަށުގެ މައްސަލަ ކޯޓު މަރުހަލާގައި މިހާރުވެސް ކުރިއަށްދާކަމަށް އޭސީސިން ބުނެ އެވެ.

ހަމަ އެއާއެކު، ކުލި ދައްކަމުން ނުދާކަމަށް މިމައްސަލާގައި ފާހަގަކޮށްފައިވާ 13 ރަށާ ގުޅިގެންވެސް އެރަށްރަށުން ދައުލަތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ދައުލަތުގެ ފަރާތުން ކުރަމުންގެންދާކަން ފާހަގަކުރެވޭތީ، ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކާ އޮތް އޮތުމަކީ، އެފަރާތްތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ބެލެވެން ނެތުމާއެކު މިކަމުގައި އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާއެއް ހޯދާފައިވާކަމަށް ނުބެލެވޭ ކަމަށް އޭސީސީން ވަނީ ނިންމާފަ އެވެ.