ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ، އެރަށުން ކަރަންޓު ކެނޑިފައިވާތީ ތިނަދޫ ރައްޔިތުންނަށް އެހީތެރިވުމަށް ރޮޓަރީ ކްލަބުގެ ފަރާތުން ދިވެހި ރެޑް ކުރަސަންޓާ އެހީގެ ތަކެތި ހަވާލުކޮށްފި އެވެ.

މިއަދު ރެޑްކުރަސެންޓުގައި އޮތް ރަސްމިއްޔާތެއްގައި ރޮޓަރީ ކްލަބުގެ ފަރާތުން ދިވެހި ރެޑްކުރަސެންޓާ އެހީގެ ތަކެތި ހަވާލުކޮށްދެއްވީ އެ ކްލަބުގެ ކުރީގެ ރައީސް ކެޕްޓަން އަހުމަދު މައުމޫން އެވެ. އަދި ރެޑް ކުރަސެންޓުގެ ފަރާތުން އެތަކެއްޗާ ހަވާލުވީ ދިވެހި ރެޑްކްރަސެންޓުގެ ރައީސް އަލީ ނާޝިދެ އެވެ.

ތިނަދޫ ރައްޔިތުންނަށް އެހީވުމަށް ރޮޓަރީ ކްލަބުގެ ފަރާތުން ރެޑްކުރަސެންޓާ ހަވާލުކޮށްފައި ވަނީ، 50 ކޭސް މަދިރި ލޯޝަނާއި 84 ޓޯޗާއި އޭގެ ބެޓަރީ އަދި 16 ކޭސް ކާބޯތަކެއްޗެވެ.

ރެޑްކުރަސެންޓުން ބުނީ، ތިނަދޫ ރައްޔިތުންނަށް އެހީވުމަށް އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ތަކެތި ތިނަދުއަށް ފޮނުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ވެސް 1500 ޖެރީ ކޭންސް ނުވަތަ ފެން އަޅާ ހަން ތިނަދު އަށް ފޯރުކޮށްދެވިފައިވާ ކަމަށް ރެޑްކުރަސެންޓުން ބުނެ އެވެ. އަދި އިތުރު އެހީތައް ފޮނުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ރެޑްކުރަސެންޓުން ބުނެ އެވެ.

ތިނަދޫގައި ރެޑްކުރަސެންޓުގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ އިރު، އެ ރަށު ރައްޔިތުންގެ ނީޑު އެސެސްމެންޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރެޑްކުރަސެންޓުން ބުނެ އެވެ.

ތިނަދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.