ސިޔާސީ ކުށްވެރިން މިނިވަންކުރަން ރާއްޖޭގެ ސަރުކާރުން މަސައްކަތް ނުކުރާނަމަ، ކަމާބެހޭ ބައެއް ދިވެހިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިސްނަވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ކެމެރަން އެހެން ވިދާޅުވީ، ބައެއް ދިވެހިންނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ ތާއިދު ހޯދުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރާނެތޯ މަޖިލިސް މެމްބަރަކު އެއްސެވުމުންނެވެ.

"ރާއްޖޭގެ ސަރުކާރުން އެގައުމުގެ ސިޔާސީ ކުށްވެރިން މިނިވަންކުރަން އަމަލީ މަސައްކަތް ކުރާތަން ބަލަން އަޅުގަނޑުމެން ބޭނުން. އަދި އެމަސައްކަތް ކުރިއަށް ނުގެންދާނަމަ ބައެއް ދިވެހިންނާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭގޮތުން ވިސްނަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ކެމެރަން ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވުމުގެ ސަބަބުން 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ މައިބަދައަށް ބޭސްފަރުވާ ކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު އަމާލް ކްލޫނީ ވަނީ ބޮޑުވަޒީރު ކެމެރަންއާ ބައްދަލުކުރައްވާފަ އެވެ. އަދި މިއަންނަ މަހު ރާއްޖޭގައި ބާއްވާ ކޮމަންވެލްތު ބައްދަލުވުމުގައި "ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން މަޝްވަރާކޮށް ސިޔާސީ ކުށްވެރިން މިނިވަން ކުރަން" ރާއްޖޭގެ ސަރުކާރަށް ޕްރެޝަރު ކުރެވޭނެ ކަމަށް ބޮޑުވަޒީރު ކެމެރަންއާއި ރައީސް ނަޝީދު އެބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ.