19 Apr 2011, 13:28
ވިއްސާރަ ނުވެހި ގިނަދުވަސް ވުމާ ގުޅިގެން ރާއްޖޭގައި ފެނަށް ޖެހިފައިވާ ގިނަ ރަށްރަށަށް ބޯ ފެން ލިބިފައިވާ ކަމަށް ބައެއް އަތޮޅު ކައުންސިލްތަކާއި ގައުމީ އިދާރާތަކުން ބުނާއިރު ބައެއް އަތޮޅުތަކުގެ ރަށްރަށަށް އަދިވެސް ފެނަށް ޖެހިފައިވާ ކަމަށް ބުނެފި އެވެ.
ހއ، ހދ އަދި ށ. އަތޮޅު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކެޓްރީ ހަސަން ޒިޔާދު މިއަދު ވިދާޅުވީ އެ ސަރަހައްދުގެ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ތެރެއިން 20 ރަށަކުން ބޯ ފެން ހުސްވެފައިވާތީ މީގެ ދެ ހަފުތާ ކުރިން ފެނުގެ އެހީއަށް އެދިފައިވާ ކަމަށާ މިހާތަނަށް ފެން ފޯރުކޮށްދެވިފައި ވަނީ އޭގެ ތެރެއިން 13 ރަށަށް ކަމަށެވެ.
"ފެން ހުސްވެގެން މީގެ ދެ ހަފުތާ ކުރިން ފެށިގެން ރަށްތަކުން އަންނަނީ އެހީއަށް އެދެމުން. ނަމަވެސް އަޅުގަނޑުމެންނަށް އެ ރަށްތަކަށް ފެން ފޯރުކޮށް ދިނުމަށްޓަ ބަޖެޓް ލިބުނީ ތަންކޮޅެއް ފަހުން. މިހާރު މިގެންދަނީ ފެން ހުސްވެފައިވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހދ. އަތޮޅުގެ ރަށްތަކަށް ފެން ފޯރުކޮށްދެމުން އަންނަނީ އެ އަތޮޅުގެ އާއްމުންނާ ގުޅިގެނެވެ. އަދި މިހާތަނަށް ފެން ފޯރުކޮށްދީފައިވާ 13 ރަށަށް 140000 ލީޓަރުގެ ފެން ފޯރުކޮށްދީފައި ވާނެކަމަށް ވެސް ވިދާޅުވި އެވެ.
ރ. އަތޮޅުގެ ބައެއް ރަށްރަށް ބޯ ފެނަށް ޖެހިގެން އެހީއަށް އެދިފައިވާއިރު އޭގެ ތެރެއިން ދެ ރަށެއް ފިޔަވާ އެހެން ރަށްތަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ޖައުފަރު ދާއޫދު ވެސް މިއަދު ވިދާޅުވި އެވެ.
ރ. އަތޮޅު ކައުންސިލުން ބުނީ ބޯފެނަށް ޖެހުނު އެ އަތޮޅުގެ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ ކަންތައް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ގޮތެއް ހަމަ ނުޖެހިގެން 20 ދުވަސް ފާއިތުވިކަމަށާ އެހެންވެ އެކަން ކުރަން ޖެހުނީ ގައުމީ ދިފާއީބާރުގެ އެހީގައި ކަމަށެވެ.
"ރ. އަތޮޅުން މިހާރު ފެން ނުލިބިގެން އުޅެނީ ކިޅޮނަހާއި ވާދުއަށް" ޖައުފަރު ވިދާޅުވި އެވެ. "އެ ދެރަށަށް ފެން ފޯރުކޮށްދެވޭތޯމިދަނީ މަސައްކަތް ކުރަމުން،"
ޅ. އަތޮޅު ކައުންސިލްގެ ރައީސް ރިލުވާން އަލީ ވިދާޅުވީ އެ އަތޮޅަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުން އެ އަތޮޅުވެސް ފެނަށް ޖެހިފައިވާ ކަމަށާއި ނަމަވެސް އެއްކޮށް ބޯ ފެން ހުސްވެގެން އެއްވެސް ރަށަކުން އަދި ނާންގާ ކަމަށެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ވެސް މިދިޔަ ހަފުތާގައި ގިނަ ރަށްތަކެއް އޮތީ ފެނަށް ޖެހިފަ އެވެ. ނަމަވެސް މޭޔާ އަބްދުﷲ ސޯދިގު ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ އެހީގައި މިހާރު ރަށްރަށް ފެން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
"އެއާއެކު އައްޑޫއަށް ރޭ ވާރޭ ވެހި މިހާރު ވަނީ ފެން ތިޔާގިވެސް ވެފައި. ނަމަވެސް މިދިޔަ ހަފުތާގައިގިނަ ރަށްތަކުން ފެނަށް ޖެހިގެން އެހީއަށް އެދުނު،" ސޯދިގު ވިދާޅުވި އެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއް ބޯފެނަށް ޖެހިފައިވާތީ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް ތަކުރާކޮށް ގުޅައިގެން ވެސް ވަނީ މައުލޫމާތު ނުލިބިފަ އެވެ.