28 Jan 2016, 13:31
މިދިޔަ އަންގާރަދުވަހު ރާއްޖޭގައި ރަސްމީކޮށް ދައުރުކުރަން ފަށާފައިވާ ދިވެހި ފައިސާގެ އާ ނޫޓް ސީރީޒް "ރަން ދިހަފަހެއް" ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާއްސަ ލަވައެއް ނެރެފިއެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުގެ ޔޫޓިއުބް ޗެނަލަށް އިއްޔެ އަޕްލޯޑްކޮށްފައިވާ "ރަން ދިހަފަހެއް އޮފިޝަލް ވީޑިއޯ ސޯންގް" ގައި، ރަން ދިހަފަހެއް ނޫޓް ސީރީޒާ މެދު އާންމުން ހޭލުންތެރި ކުރުވުމަށް އެމްއެމްއޭއިން ކުރަންމުން ގެންދާ މަސައްކަތްތައް ދައްކުވައިދީފައިވެއެވެ.
"އެންމެން ކިޔާ އާނޫޓްމީ، ރަން ދިހަފަހެއް ރަން ދިހަފަހެއް،..... ޒަމާނީ ފަސޭހަ، ރައްކާތެރިމީ ރަން ދިހަފަހެއް ރަން ދިހަފަހެއް،" މި ލަވައިގެ ޅެމާއި މެލޮޑީ ހައްދަވާފައި ވަނީ، އެމްއެމްއޭގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އަހްމަދު ފަޒާލް ހުސައިން އެވެ.
އެ ލަވައިގެ ވީޑިއޯގައި، އާ ނޫޓް ތަކުގެ ސަލާމަތީ ކަންކަމާއި އަދި ނޫޓް ސީރީޒް ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ކިޔައިދިނުމަށް އެމްއެމްއޭގެ މުވައްޒަފުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތްތައް ހިމަނާފައި ވެއެވެ. އަދި ރާއްޖޭގެ އިގްތިޞާދީ ދާއިރާއާ ގުޅޭ އެކިއެކި ވިޔަފާރީގެ ސިނާއަތްތަކާއި ތާރީޚާއި ސަގާފަތްތައް ވެސް ވީޑިއޯގައި ފެނިގެންދެއެވެ.
ދިވެހިރާއްޖޭގެ ފައިސާގެ ގޮތުގައި ބޭނުންކުރާން އަލަށް ދައުރުކުރާންފެށި ނޫޓް ސީރީޒުގައި ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ދިވެހި ވަންތަކަން ދައްކުވައިދޭ ކުރެހުންތައް ހިމަނާފައިވެއެވެ. ހަމަ އެހެންމެ އެ ނޫޓްތަކަކީ އެންމެ ޒަމާނީ އެއް ކަރުދާސް ކަމަށްވާ ޕޮލިމާ ކަރުދާހަށް ޕްރިންޓުކޮށްފައިވާ ނޫޓުތަކެކެވެ.
މަރުކަޒީ ބެންކުން އަލަށް ބޭނުން ކުރަން ފަށާފައި ވަނީ، 10 ރުފިޔާއާއި 20 ރުފިޔާ އާއި 50 ރުފިޔާގެ އިތުރުން 100 ރުފިޔާއާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކެވެ.