މަތީ ސާނަވީގެ ކިޔެވުން މާޗް މަހު ފަށާ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން، ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް ޖާގައިގެ ދަތިކަން ކުރިމަތިވެ، އެ ސްކޫލުގެ ބައެއް ކްލާސްތައް ކުރީގެ ދަރުމަވަންތަ ސްކޫލަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ދަރުމަވަންތަ ސްކޫލުގައި ސީއެޗްއެސްއީގެ ބައެއް ކްލާސްތައް ފަށާ ގޮތަށް ނިންމީ މި އަހަރުގެ މާޗް މަހު އެ ސްކޫލުގައި އޭ ލެވެލްގެ އާ ބެޗެއްގެ ކިޔެވުން ފެށޭ އިރު، ޖުމްލަ ތިން ބެޗެއްގެ ކުދިން ސްކޫލުގައި ކިޔަވަމުން ދާނެތީ ކަމަށެވެ.

މި އަހަރާ ހަމައަށް ސީއެޗްއެސްއީގައި އެއް ފަހަރާ ކިޔަވައިދެމުން ދިޔައީ ދެ ބެޗެއްގެ ކުދިންނަށެވެ.

"އެކަމަކު މި އަހަރު އަޅުގަނޑުމެން ބަދަލުކޮށްފައި މިވަނީ މާޗު މަހު ކިޔެވުން ފަށާ ގޮތަށް. އެހެންވީމާ ވާގޮތަކީ މި ބަދަލާ އެކު މި އަހަރު ތިން ބެޗެއް މި އަންނަނީ. މިހާތަނަށް ދެ ބެޗަށް ކިޔަވައިދީފައި ތިން ވަނަ ބެޗެއް އައީމަ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބަ ދިމާވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ދަރުމަވަންތަ ސުކޫލު: ދަރުމަވަންތަ ސުކޫލު މިހާރުގެ އިމާރާތް ތަޅާލާ އެތަނުގައި މުޅިން އާ އިމާރާތެއް އެޅުމަށް ފިނޭންސް މިނިސްޓުރީން ވަނީ އިއުލާނު ކޮށްފައި -- ސަން ފައިލް ފޮޓޯ

ސީއެޗްއެސްއީ އަކީ 1200 ވަރަކަށް ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މި އަހަރު 500 ވަރަކަށް ކުދިން އެ ސްކޫލާ އަލަށް ގުޅޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ދަރުމަވަންތަ ސްކޫލުގައި ކިޔަވައިދޭނީ ކޮން ބެޗެއްގެ ދަރިވަރުން ކަމެއް އަދި ނިންމާފައި ނުވި ނަމަވެސް، މި އަހަރު އެ ސްކޫލުގައި 450 - 500 އާ ދެމެދުގެ އަދަދެއްގެ ކުދިންގެ ކިޔެވުން ފަށާނެ ކަމަށް އެޑިއުކޭޝަން އިން ބުނެ އެވެ.

ތިން މަސް ދުވަހަށް ދަރުމަވަންތާގައި ކިޔެވުން ކުރިއަށް ގެންދާނެ ކަމަށާއި ކުދިންނަށް ކިޔަވައިދޭނީ ދަރުމަވަންތައިގެ ރަނގަޅަށް ހުރި ކްލާސްތަކުގައި ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ދަރުމަވަންތަ ސްކޫލްގައި ކިޔަވަމުން ދިޔަ ކުދިން ވަގުތީ އިމާރާތަކަށް ބަދަލުކޮށް މި އަހަރު ކިޔެވުން ފަށާފައި ވަނީ ދަރުމަވަންތަ ސްކޫލުގެ އިމާރާތުގެ ފެންވަރު ދަށްވެ، އެ އިމާރާތް ބާވެފައިވުމުގެ ސަބަބުންނެވެ.

ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް -- ސަން ފައިލް ފޮޓޯ

މީގެ ކުރިން ރާއްޖޭގައި އޭ ލެވެލްގެ ކިޔެވުން ޖޫން މަހުގެ ތެރޭގައި ފެށި ނަމަވެސް، ސަރުކާރުގެ ސިޔާސަތުގެ ދަށުން ސާނަވީ އަދި މަތީ ސާނަވީ އިމްތިހާން އޮކްޓޫބަރު، ނޮވެމްބަރުގައި ހަދާގޮތަށް ނިންމައި އޭ ލެވެލް ކިޔެވުން މާޗް މަހު ފަށާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.

އެއީ އޭ ލެވެލް ފެށުމާ ދެމެދު ހުސް ދުވަސްތަކެއް ދިއުމުން ދަރިވަރުންގެ ކިޔެވުމަށް އަންނަމުންދާ ހީނަރުކަމުން ސަލާމަތްވެ،ދުވަސްތައް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށް އެޑިއުކޭޝަން އިން ބުނެ އެވެ.