ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގެ ރޭ ކުޅުނު މެޗުތައް ކާމިޔާބް ކޮށް ބާސެލޯނާ އާއި ސެލްޓަ ވިގޯ އެމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބާސެލޯނާގެ ކޭމްޕްނޯގައި ކުޅުނު މެޗުގައި އެތުލެޓިކް ބިލްބާއޯ 3-1 އިން ބަލިކޮށް ފައިވާއިރު ސެލްޓާ ވަނީ އެޓީމު ކުޅުނު މެޗުން 3-2 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ.

ބާސާ ސެމީގެ ޖާގައެއް ކަށަވަރު ކުރީ މި ދެ ޓީމުގެ ދެ މެޗުގެ އެގްރިގޭޓު ނަތީޖާ 5-2 އިން ކުރިލިބިގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ އެތުލެޓިކް ބިލްބާއޯ އިންނެވެ. އެގޮތުން، މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ އިނާކީ ވިލިއަމްސް ވަނީ ލަނޑެއް ޖަހައި ލީޑް ނަގާފައެވެ.

ސްޕެނިޝް ކަޕްގައި ބާސެލޯނާ އާއި ބިލްބާއޯ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ދެވަނަ ހާފުގައި ބާސެލޯނާގެ ކުޅުން ރަނގަޅުކުރި އިރު މެޗުގެ 53 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖެހައި ނަތީޖާ އެއްވަރުކޮށްފައެވެ.

ބާސާއިން ކާމިޔާބް ކުރި އަނެއް ދެ ގޯލުގެ ތެރެއިން އެއް ގޯލު ޑިފެންޑަރު ޖެރާޑް ޕީކޭ ކާމިޔާބް ކުރިއިރު ފަހު ގޯލު ކާމިޔާބް ކޮށްދިނީ، މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ނޭމާ އެވެ.

އެތުލެޓިކޯ އާއި ސެލްޓާ ކުޅުނު ފުރަތަމަ ލެގުގެ މެޗު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއް ވަރުވެފައިވާ އިރު ރޭގެ މެޗުން މޮޅުވެ ސެލްޓާ ވަނީ ސެމީގެ ޖާގަ ކަށަވަރު ކޮށްފައެވެ. މެޗުގެ 22 ވަނަ މިނިޓްގައި ޕަބްލޯ ހެނާންޑޭޒްގެ ލަނޑުން ސެލްޓާ ލީޑު ނަގާފައިވަނިކޮށް އޭގެ ހަތް މިނިޓް ފަހުން އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

ސްޕެނިޝް ކަޕްގައި އެތުލެޓިކޯ މެޑްރިޑާއި ސެލްޓަ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ދެ ވަނަ ހާފްގައި ކުޅެން އެރި ޖޯން ގުއިޑޭޓީގެ ގޯލުން އެ ޓީމް ލިޑް ނަގާފައިވަނިކޮށް ހެނާންޑޭޒް ވަނީ އިތުރު ގޯލެއް ކާމިޔާބް ކޮށް ސެލްޓާ އަށް ލީޑް ފުޅާކޮށްދީފައެވެ. އެތުލެޓިކޯގެ ދެ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ އެންހެލް ކޮރެއާ އެވެ.