28 Jan 2016, 11:36
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފު އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ފާރޫގް މުހައްމަދު ހަސަން ހަމަޖައްސައިފި އެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމު ހުސްވީ، ފާއިތުވެދިޔަ ހަތަރު އަހަރު އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝުކުރީ ހުސައިން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމުންނެވެ.
މީގެ ކުރިން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ފާރޫގް އެލްޖީއޭގެ ސީއީއޯ އަކަށް ހަމަޖައްސާފައި ވަނީ އިއްޔެ ބޭއްވި އެލްޖީއޭގެ 2016 ވަނަ އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގަ އެވެ.
ފާރޫގަކީ ސަރުކާރުގެ އިސް އެތައް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމާއި އެންވަޔަރަންމަންޓް ރިސާޗް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު މަގާމު ހިމެނެ އެވެ.
އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި މިނިސްޓްރީން އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ކަމާއި ހެލްތް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.
ފާރޫގް އެންމެ ފަހުން ހުންނެވީ، ރިއޯލޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ސީނިއާ މެނޭޖަރު، ޕްރޮޖެކްޓް ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ.
ދ. ކުޑަހުވަދޫ އަށް އުފަން ފާރޫގަކީ ބެލްޖިއަމްގެ ބްރަސަލްސްގައި 1993 ވަނަ އަހަރު އިންޖިއަނިރިން އިން ވޯޓާ ރިސޯސް ޓެކްނޮލޮޖީ ދާއިރާއިން މާސްޓަސް ހައްދަވާފައިވޭ ބޭފުޅެކެވެ. އޭނާ ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ 1987 ވަނަ އަހަރު ސައޫދީ އަރަބިއާގެ ޖިއްދާ ޔުނިވަސިޓީންނެވެ. އަދި މާސްޓާސް ހެއްދެވުމުގެ ކުރިން ބެލްޖިއަމްގައި 1992 ވަނަ އަހަރު ޕޯސްޓް ގްރެޖުއޭޓް ވެސް ހާސިލްކުރައްވާފައިވެ އެވެ.