28 Jan 2016, 11:19
ތިނަދޫން: އަހުމަދު ސާއިލް އަލީ
ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ތިނަދޫގައި ސިއްހީ މައްސަލައެއް ފެންމަތިވެފައިނުވާ ކަމަށާއި ދިމާވެދާނެ މައްސަލައަކަށް 23 ޑޮކްޓަރުންނާ އެކު ހޮސްޕިޓަލް ތައްޔާރަށް އޮތް ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.
ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު ހުސެއިން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެފައިވާ ދަތިހާލާއެކު ނަމަވެސް ސިއްހީ މައްސަލައެއް ފާހަގަވެފައިނުވާ ކަމަށެވެ.
"އެއްވެސް ބަލިމަޑުކަމުގެ އެއްވެސް ކަމެއް ނެތް. މިކޮޅުން އިންސްޕެކްޓް އެބަކުރޭ ހުރިހާ ފިހާރަތަކެއް ވެސް ހޮޓާ ރެސްޓޯރެންޓްތަކެއް ވެސް. އަޅުގަނޑުމެންނަށް އެކަހަލަ ކަމެއް ނެތް ފާހަގަވެފައެއް." ހުސެއިން ވިދާޅުވި އެވެ.

ތިނަދޫ ހޮސްޕިޓަލުން މިހާރު އިސްކަންދެނީ އެމެޖެންސީ ކަންތަކުގައި ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ކަމަށާއި ގިނަ މީހުން ޑޮކްޓަރަށް ދެއްކުމަށް އަންނަނީ އާންމު ބަލިތަކާ ގުޅިގެން ކަމަށްވެސް ހުސެއިން ވިދާޅުވި އެވެ.
ތިނަދޫ ހޮސްޕިޓަލުގައި 23 ޑޮކްޓަރުން މަސައްކަތް ކުރަމުން އަންނައިރު ޑޮކްޓަރުންނާއި ހުރިހާ ސުޓާފުން ވެސް ތިބީ ދިމާވެދާނެ މައްސަލައަކަށް ތައްޔާރުވެގެން ކަމަށް ހުސެއިން ވިދާޅުވި އެވެ.
"ކަމެއް ދިމާވެއްޖެ ނަމަ ޕަބްލިކް ސާވިސް ޔުނިޓުގެ ކުދިން ތައްޔާރަށް ތިބީ، ކޮންމެ ގަޑިއަކު ކޮންމެ ވަގުތަކު އެގޮތަށް، އަޅުގަނޑުމެންގެ ސުޓާފުން ވަރަށް އެއްބާރު ލުމާއެކު އެބަދޭ." ހުސެއިން ވިދާޅުވި އެވެ.
ކެއުމަށް ބޭނުންކުރާ ފިނި ކުރި ސާމާނު ރަނގަޅަށް ފިނި ނުކުރެވުފައިވާ ނަމަ އެތަކެތި ނަށްތާލުމަށާއި އެއްވެސް ގެއެއްގައި ކަރަންޓު ނެތުމުން ފިނި ކުރި މަސް ކެއުމުގެ ބަދަލުގައި ތާޒާ މަސް ކެއުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.
މިދިޔަ ހޯމަ ދުވަހު ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދާފައިވާ އިރު މުޅި މިރަށުން ކަރަންޓު ދިޔަ ނަމަވެސް ވަކިވަކި ޖަނަރޭޓަރުތައް މިރަށަށް ގެނެސް ހޮސްޕިޓަލަށް ވަނީ ކަރަންޓު ދީފަ އެވެ.