ކޯޓު އަމުރެއްގެ ދަށުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ކ.މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ކްރިމިނަލް ކޯޓުން އެންގުމުން އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދީބު އޭގެ ކުރިން ބަންދުކޮށްފައި ހުންނެވީ ދޫނިދޫގަ އެވެ.

އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ އިރު، އެމަނިކުފާނު ވަނީ ދޫނިދޫގައި ހުންނަވާ ގޮޅީގައި އަވަހާރަފުޅުލައްޕަވަން ޖެހިވަޑައިގަންނަވަނީ ދެ ފޫޓުގެ އައްޓެއްގައި ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ އިސްކޮޅުގައި ފަސް ފޫޓާއި ނުވަ އިންޗި ހުންނައިރު، ދޫނިދޫ ގޮޅީގައި އަވަހާރަފުޅުލައްޕަވަން ވަރަށް އުނދަގޫ ކަމަށް އަދީބު ވަނީ ޝަރީއަތުގައި ވިދާޅުވެފަ އެވެ.

އެމަނިކުފާނަށް އާއިލީ ބައްދަލުވުންތައް ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ފުލުހުންނާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުގައި އޮތް ޝަރީއަތުގައި އަދީބު އެހެން ވިދާޅުވުމުން އެކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުގެ ގާޒީ ކުރެއްވި ސުވާލުގެ ޖަވާބުގައި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލު ވިދާޅުވީ އެ ސުވާލަށް ޖަވާބުދެވޭނީ ފުލުހުންގެ ފަރާތުން މައުލޫމާތު ސާފު ކުރުމަށް ފަހު ކަމަށެވެ.

އެ މައްސަލައިގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެދުވަހުގެ ބައްދަލުވުން ނިންމާލީ ވެސް ޖަވާބުދާރީވާން ދައުލަތަށް ފުރުސަތު ދިނުމަށް ފަހު އެވެ.

ކުށުގެ ތުހުމަތުގައި ތިބޭ ސިޔާސީ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިންތިޒާމުކޮށް ދެމުން ގެންދިޔަ އިނާޔަތްތައް ތަފާތުކުރުމެއް ނެތި އަދީބަށް ލިބިދިނުމަށާއި އާއިލީ ބައްދަލުވުން ހަމަޖެއްސުމުގައި ތަފާތު ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެ މައްސަލާގައި އަދީބުގެ ފަރާތުން ވަނީ އެދިފަ އެވެ.