28 Jan 2016, 10:57
ސްރީލަންކާގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، އެގައުމުގެ ގައުމީ ސަލާން ސިންގަޅަ ބަހުންނާއި ތަމަޅަ ބަހުން ކިޔުމާ މެދު އެގައުމުގެ ކެބިނެޓު ހިޔާލު ތަފާތު ވެއްޖެ އެވެ.
ސްރީލަންކާގެ ގައުމީ ސަލާމަކީ ސިންގަޅަ ބަހުން އޮންނަ ލަވައެކެވެ. އެހެން ނަމަވެސް، އެ ލަވައިގެން ތަމަޅަ ވަރޝަންއެއް ވެސް އޮވެ އެވެ. ދެ ބަހުން ވެސް ގައުމީ ސަލާން ކިޔެމުން އައި ނަމަވެސް، 2010 ވަނަ އަހަރު ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ވަނީ، ގައުމީ ސަލާމުގެ ތަމަޅަ ލަވަ ބޭނުންކުރުން ނުރަސްމީކޮށް މަނާކޮށްފަ އެވެ.
ނަމަވެސް ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވަނީ، ރާޖަޕަކްސަ ނުރަސްމީކޮށް މަނާ ކުރެއްވި، ގައުމީ ސަލާމުގެ ތަމަޅަ ލަވަ ބޭނުންކުރުމުގެ ހުއްދަ ދެއްވައިފަ އެވެ. ގައުމީ ސަލާމުގެ ތަމަޅަ ލަވައަކީ، ތަމަޅަ މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކުގަ އާއި، ތަމަޅަ މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި މިހާރު ވެސް ބޭނުން ކުރެވެމުން ދާ ލަވައެކެވެ.
ސްރީލަންކާގެ މިނިވަން ދުވަސް ފެބްރުއަރީ ހަތަރު ވަނަ ދުވަހު ފާހަގަ ކުރާ އިރު، އެދުވަހު ބާއްވާ ރަސްމީ ޖަލްސާގައި ސިންގަޅަ ބަހުގެ އިތުރުން ތަމަޅަ ބަހުން ގައުމީ ސަލާން ކިޔުމަށް ހުށަހެޅީ، ލަންކާގެ އެންމެ ބޮޑު ދެ ނަސްލު ކަމުގައިވާ ސިންގަޅަ އަދި ތަމަޅަ މީހުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރާ ޖަމާޢަތަކުންނެވެ.
އެ ޖަމާއަތުން ލަންކާގެ ކެބިނެޓަށް ހުށަހެޅި ހުށަހެޅުމާއި އެކު، ކެބިނެޓުގައި ވަނީ ޚިޔާލު ތަފާތު ވެފަ އެވެ. ޑެއިލީމިރަރ ރިޕޯޓު ކުރާ ގޮތުގައި، ކެބިނެޓުގެ މިނިސްޓަރުން ހިޔާލު ތަފާތު ވުމުގެ ސަބަބުން، ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ، މި މައްސަލަ އިތުރަށް މަޝްވަރާ ނުކުރުމަށާއި ބޮޑުވަޒީރާއި މަޝްވަރާ ކުރެއްވުމަށް ފަހު އެކަމާ ގުޅޭ ގޮތުން އެމަނިކުފާނު ނިންމުމެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.