(26 ޖެނުއަރީގެ އަދަދާ ގުޅޭ)

ޞަޙާބީންގެ އެހެނިހެން ބޭބޭކައުކަނބަލުންނާ މުޅިން ތަފާތުގޮތަކަށް މަދީނާއަށް ހިޖްރަކުރެއްވި ބޭކަލަކީ،السّيّدة حفصة رضى اللّـه عنــهاގެ ލޮބުވެތި ބައްޕާފުޅެވެ. އެކަލޭގެފާނު ހިޖްރަޔަށް ވަޑައިގަންނަވަން ގަސްދުކުރެއްވުމާއެކު، އެކަން ފާޅުގައި އިޢުލާން ކުރެއްވިއެވެ. ހަތިޔާރު އަޅުއްވައިގެން ޙަރަމުފުޅުގެ ތެރެއަށް ވަޑައިގެން ފާޅުގައި ޠަވާފުލްވަދާޢު ކުރެއްވުމަށްފަހު، ޤުރައިޝުންގެ މަޖްލިސްތަކުގެ ކުރިމައްޗަށް ވަޑައިގެން ވިދާޅުވިއެވެ. "އަހަރެން މިދަނީ މި ކުފުރުގެ ގޮވަތި ދޫކޮށްލައިފައި މަދީނާއަށް ދާށެވެ. ތިޔައިގެ ތެރޭގައި އަމާ ހޭރުވައިލައި ނިކަމެތިކޮށްލާން، ނުވަތަ އަނބިމީހާ ހުވަފަތްކޮށް ހުއްސަރިބައިކޮށްލާން ނުވަތަ ދަރީން ޔަތީމުކޮށްލަން އެދޭމީހަކު ހުރިކަމުގައިވާނަމަ، އަހަރެންގެ ފަހަތުން އައިސް، މި މައްކާގެ ޙަރަމުގެ ބޭރުން ނިކަން އަހަންނާ ބައްދަލުކޮށްބަލާށެވެ."عمرގެފާނުގެ ހައިބަތާހުރެ، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މުޝްރިކުންގެ އެކަކަށްވެސް އިސްއުފުލައި ބަލައިލާކަށެއްވެސް ލާހިކެއް ނުވިއެވެ.

عمررضى اللّـه عنــهއެކަލޭގެފާނުގެ އަރިހުގައި ޞަޙާބީންގެ ޖަމާޢަތެއްގެ ބޭކަލުން މަދީނާއަށް ގެންދެވިއެވެ. އޭގެތެރޭގައި، އެކަލޭގެފާނުގެ ދަރިކަނބަލުންالسّيّدة حفصة رضى اللّـه عنــهاއާއި، ދަނބިދަރިކަލުންخُنَيْس بن حُذافةވެސް ހިމެނިވަޑައިގެންނެވިއެވެ.عمر بن الخطّاب رضى اللّـه عنــهގެ ޢާއިލާއަށް މަދީނާއިން މަރްޙަބާ ވިދާޅުވީ،رفاعة بن عبدالمنذر رضى اللّـه عنــهއެވެ. އެކަލޭގެފާނު،عمرގެފާނުގެ ޢާއިލާގެ މެމްބަރުންނަށް ނުހަނު އިޙްތިރާމާއެކު މެހްމާނުދާރީ އަދާކުރެއްވިއެވެ.

އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمމަދީނާއަށް ވަޑައިގެން އަންޞާރުންނާއި މުހާޖިރުން އަޚުކޮށްދެއްވިއިރު،خُنَيْس بن حُذافةގެ ދީނީ އަޚެއްކަމުގައި ހަމަޖައްސަވައިދެއްވީ،أبو عُمَيس بن جبر الأنصارى رضى اللّـه عنــهއެވެ. އެކަލޭގެފާނަކީވެސް ޢަސްކަރީ މައިދާނުގެ ވަރަށް މަޝްހޫރު އަސްވާރެކެވެ. އެ ދެބޭކަލުންނަކީވެސް، ނަބަވީ ދަރުބާރުން އުފެއްދެވި ކެޑެޓް ސްކޫލުގެ ދެ ދަސްވެނީންނެވެ.

ހުވަފަތްވެވަޑައިގަތުން

السّيّدة حفصة رضى اللّـه عنــهاގެ ދެމަފިރިކަނބަލުން މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު، އަނެއްކާވެސް ހަމަޖެހިވަޑައިގެން އުފާފުޅުން ދިރިއުޅުއްވާން ފެއްޓެވިއެވެ.حفصة رضى اللّـه عنــهاއެންމެ ކުރައްވާ ހިތްޕުޅުވާ ކަމަކަށް ހެއްދެވީ، ޢިލްމު އުނގެނިވަޑައިގަތުމެވެ.جبريل الأمين،ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ގެންނަވާ ކޮންމެ ވަޙީބަސްފުޅެއް، އިތުރު ސާހިބާގެ އަރިހުން އަޑުއައްސަވައި، ދަސްފުޅު ކުރެއްވުމެވެ. އެބަސްފުޅުތަކުގެ މާނައާއި ޝަރަޙަ، ހިތްޕުޅުގައި ބިންވަޅު ނެންގެވުމެވެ. ކައުސާހިބާصلّى اللّـه عليه وسلّمމުސްލިމުންނަށް ދެއްވަމުން ގެންދަވާ އިރްޝާދުތަކާއި ނަސޭހަތްޕުޅުތަކާއި، ދަސްކޮށްދެއްވާ ޙުކުމްތަކާއި، ޙިކުމަތްތަކުގެ ވީހާވެސް ބޮޑުބައެއް ހިތްޕުޅުގައި ޚަޒާނާ ކުރައްވަމުން ގެންދެވުމެވެ. އެކަންކަން ފަހުމުކުރައްވައި، ތަދައްބުރު ކުރެއްވުމެވެ.

މުސްލިމުން މަދީނާއަށް ހިޖްރަކުރުމަށްފަހު، މަދީނާގައި ހަމަޖެހިނުލެވި އުޅެނިކޮށް، މައްކާގެ މުޝްރިކުން ވަނީ މަދީނާގެ އިސްލާމީ ދައުލަތާއި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައެވެ. މުސްލިމުންނަށް މަދީނާގައި ފައިތިލަ ސާބިތުކުރުމުގެ ފުރުޞަތު ލިބުނަނުދީ މުސްލިމުން ވުޖޫދުން ފޮހެލުމަށްޓަކައެވެ. އެގޮތުން މުޝްރިކުން ގެންދިޔައީ މަދީނާގެ ޔަހޫދީންނާއި މުނާފިޤުންނާ ގުޅިގެން ސިއްރާއި ފާޅުގައި ނިރުބަވެރި ޙަރަކާތްތައް ހިންގަމުންނެވެ. މުޝްރިކުން ގެންދިޔައީ، އިސްލާމީ ދައުލަތުގެ ސަރަޙައްދަށް، ގަވާއިދާ ޚިލާފަށް ވަދެ، މުސްލިމުންގެ މުދާ ލޫޓުވަމުންނެވެ. އިސްލާމީ ދައުލަތުގެ ހުއްދަ ހޯދުމަކާނުލައި، އެދައުލަތުގެ ސަރަޙައްދުން ގަވާއިދާ ޚިލާފަށް ދަތުރުފަތުރުކޮށް، އިސްލާމީ ދައުލަތުގެ ސިޔާދަތީ ޙުރުމަތަށް އަރައިގަންނަމުންނެވެ.

އެހެންކަމުން، އިސްލާމީ ދައުލަތާއި އިސްލާމީ ދަޢުވަތު ޙިމާޔަތް ކުރެއްވުމަށްޓަކައި ޢަސްކަރީ ބާރެއް އުފައްދަވަން، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއަށް މަޖުބޫރުވެވަޑައިގެންނެވިއެވެ.

އިސްލާމީ ދައުލަތުގެ ޢަސްކަރީ ބާރެއް އުފެއްދެވީއްސުރެ،خُنَيْس بن حُذافةرضى اللّـه عنــهއަވަދިނެތި އުޅުއްވަމުން ގެންދެވީ، މުސްލިމުންގެ އައު ވަޒަނާއި އިސްލާމީ އުންމަތުގެ ދިފާޢުގައި، ކައުސާހިބާ އުފެއްދެވި ސިފައިންގެ ލަޝްކަރުގެ ޙަރަކާތްތަކުގައެވެ. ޖިހާދުގެ ޝައުޤުވެރިކަމާއި، ޝަހީދުވެވަޑައިގަތުމުގެ އެދުންފުޅުގައި، ޢަސްކަރީ ތަމްރީނުތައް ފުރިހަމަކުރެއްވުމުގައެވެ. މުސްލިމުންގެ އެކިއެކި ދިފާޢީ ޙަރަކާތްތަކަށް އެއްބާރުލުން ދެއްވުމުގައެވެ.

އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއިސްލާމީ ދައުލަތުގެ ސަރަޙައްދު ޙިމާޔަތް ކުރެއްވުމަށްޓަކައި، ޢަސްކަރީ ޔުނިޓުތައް ފޮނުއްވާން ފެއްޓެވީ، ހިޖުރައިން އެއްވަނަ އަހަރުގެ ރަމަޟާންމަހު (މާޗް 623) ގައެވެ. މިގޮތުން ހިޖްރައިން ދެވަނަ އަހަރުގެ ޝަޢުބާންމަހުގެ ފަހުކޮޅު، އިސްލާމީ ދައުލަތުގެ ސަރަޙައްދުން ޤަވާޢިދާ ޚިލާފަށް ޝާމްކަރަޔަށް ދަތުރުކުރި މައްކާގެ މުޝްރިކުންގެ ޤާފިލާއެއް އެނބުރި މައްކާއަށް ދަތުރުކުރި މަގުމަތީން އެ ޤާފިލާ ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ އެކުވެރީންގެ ތެރެއިން ތިންސަތޭކަތޭރަ ބޭކަލަކާއެކު ކުރެއްވި ދަތުރުފުޅު އެންމެފަހުން ބަދަލުވެގެންދިޔައީ، ބަދުރުގެ ބޮޑު ހަނގުރާމައަށެވެ. އިސްލާމާއި ކުފުރާ ދެމެދު ނިޔާކަނޑައެޅުން މަޝްހޫރު ބަދުރު ހަނގުރާމައަށެވެ.السّيّدة حفصة رضى اللّـه عنــهاގެ ފިރިކަލުންخُنَيْس بن حُذافةގެ ހިތްޕުޅުގައި އުފެދިފައިއޮތް ޝަހީދުވެވަޑައިގަތުމުގެ ނަސީބު ހޯއްދެވުމުގެ މުރާދު ޙާޞިލުވެވަޑައިގަތުމުގެ ސަބަބުކަމުގައެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެ މުހިންމަތުގައި މަދީނާއިން ނުކުމެވަޑައިގަތީ، ރަމަޟާން 2 ހ. ގައެވެ.

السّيّدة حفصة رضى اللّـه عنــهاގެ ޢާއިލާގެ ހަތް މެމްބަރަކު، ބަދުރީ ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގެންނެވުމުގެ ޝަރަފު، އެކަމަނާއަށް ލިބިވަޑައިގެންނެވިއެވެ. އެކަމަނާގެ ފިރިކަލުންގެ އިތުރަށް، ބައްޕާފުޅުعمر بن الخطّابއާއި، ބޮޑުބޭބޭފުޅުزيد بن الخطّابއާއި ތިންމާބެއިން ކަމުގައިވާعثمان بن مظعونއާއި،قدامة بن مظعونއާއިعبد اللّـه بن مظعونއާއި، ދެބޭންގެދެދަރި ބޭކަލެއްކަމުގައިވާسائب بن عثمان مظعونއާއި، ބައްޕާފުޅުގެ މަވާލީއެއްކަމުގައިވާمهجع بن صالحއަކީ، ބަދުރީ ޞަޙާބީންނެވެ. އަނެއްކޮޅުން އެކަމަނާގެ ޤަބީލާކަމުގައިވާعدىّވަންހައިގެ އެއްވެސް މީހެއް، ބަދުރު ހަނގުރާމައިގައި މުޝްރިކުންނާ ބައިވެރިއެއް ނުވެއެވެ. އެކަމަނާގެ ބައްޕާފުޅުގެ ހައިބަތަށްޓަކައެވެ. ޝައްކެއްނެތްގޮތުގައި، މިއީالسّيّدة حفصة بنت عمررضى اللّـه عنــهاއަށް ލިބިވަޑައިގެންނެވި ވަރަށް މަތިވެރި ޝަރަފެކެވެ. ނުހަނު މަތިވެރި ޢިއްޒަތެކެވެ.

އިސްލާމާއި ކުފުރާ ދެމެދު ހިނގި ޙައްޤާއި ބާޠިލު ވަކިވި މަޝްހޫރު ބަދުރު ހަނގުރާމައިގައި މުސްލިމުންނާއި މުޝްރިކުން ބަދުރުގެ މައިދާނުގައި ބައްދަލުކުރީ، 17 ރަމަޟާން 2 ހ. ގައެވެ. ދެފަރާތުގެ ފަހުލަވާނުން މައިދާނަށް ފައިބައި، މުބާރިޒާ ކުރުމުގެ މަރްޙަލާ ނިމި، ޢާއްމު ޙަމަލަޔަށް ފެނުމާއެކު،خُنَيْسرضى اللّـه عنــهއެކަލޭގެފާނުގެ ކަނޑިކޮޅުން ވިދުވަރު ކަނޑުއްވަމުން ދުޝްމިނުންގެ ސަފުތަކުގެ ތެރެއަށް ވެދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ގަދަފަދަ ޙަމަލަ ފަލަކުތަކުގެ ލޯތަކުން ބަލަމުންގެންދިޔައީ، އަންތަރީސްކަމާއެކުގައެވެ. އައްސަރިބަހާއި ސާބަސް ރައްދުކުރަމުންނެވެ. މުޝްރިކުން ތިބީ ދެލޯބޮޑުވެފައެވެ. ކަޅިހުއްޓިފައެވެ. އެގޮތުގައި އެތައްއިރަކު މުޝްރިކުންނާ ޙަމަލަދެއްވައި، އެއުރެންގެ ސަފުތައް ދޯހަޅިކުރެއްވިފަހުން، މުޝްރިކުންގެ ކަނޑިތަކުންخُنَيْسގެ ހަށިކޮޅުގައި ވަރަށް ނުރައްކާތެރި ފުން ޒަޚަމެއް އުފެއްދުނެވެ.

އަރަހުށި މާތްاللّـهބަދުރު ހަނގުރާމައިގައި ފަތަޙައާއި ނަޞްރު މިންވަރުކުރެއްވީ މުސްލިމުންނަށެވެ. ކައުސާހިބާصلّى اللّـه عليه وسلّمހަނގުރާމަ ނިމުމަށްފަހު ތިންދުވަސްވަންދެން ބަދުރުގެ މައިދާނުގައި ލަޝްކަރާއިގެން މަޑުކުރެއްވިއެވެ. ތިންދުވަސްފަހުން އިސްލާމީ ލަޝްކަރު ފަތަޙައާއި ނަޞްރާއި ކާމިޔާބީގެ ދިދަތައް ވަޔާވިހުރުވަމުން މަދީނާއަށް ދަތުރު ފެށިއެވެ. އިސްލާމީ ލަޝްކަރު މަދީނާއަށް ވާސިލުވުމުން،السّيّدة حفصة بنت عمر رضى اللّـه عنــهاއަށް އެކަމަނާގެ ފިރިކަލުންގެ ޙާލުކޮޅު ފެނިވަޑައިގެންނެވިއެވެ. އެކަމަނާ ވަރަށް ދެރަފުޅުވިއެވެ. ނަމަވެސް، ލޮބުވެތި ފިރިކަލުންނަކަށް އެކަމެއް ނާންގަވައެވެ. ފިރިކަލުންގެ ހިތްވަރުފުޅު ގަދަކަމާއި، ބިރުފުޅު ކުޑަކަމާއި، ޖިހާދުގައި ދެއްކެވި ސާބިތުކަމަށް ތާރީފު ކުރެއްވިއެވެ. ބަދުރުގެ މުޖާހިދުންނާ ބެހޭގޮތުން ބާވައިލައްވައިފައިވާ އަންނަނިވި އާޔަތް، ފިރިކަލުންނަށް ހަނދާންކޮށްދެއްވިއެވެ.

"އުފާވެރިކަމުގެ ޚަބަރެއް ކަމުގައްޔާއި، އެކަމުގެ ސަބަބުން، ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމެއް ކަމުގައި މެނުވީ،اللّـهއެކަންތަކެއް ނުލައްވައެވެ. އަދިاللّـهގެ ޙަޟްރަތުން މެނުވީ، ނަޞްރު ލިބުމެއް ނުވެއެވެ. ހަމަކަވަރުންاللّـهއީ ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ."(الأنفال: 10)

السّيّدة حفصة بنت عمر رضى اللّـه عنــهاނުހަނު އޯގާވެރިކަމާއި، ހަމްދަރުދީއާއި، ހަންހާރަވެތިކަމާއެކު، ލޮބުވެތި ފިރިކަލުންގެ ޙާލުކޮޅު ބައްލަވައި، ހޭހަންކުރައްވަމުން ގެންދެވިއެވެ.خُنَيْسرضى اللّـه عنــهގެ ޒަޚަމު ކުޑަކޮށް ފުރޭގޮތްވިއެވެ. ނަމަވެސް، މުޅިން ފުރި ފަސޭހަފުޅެއް ނުވިއެވެ. އަރަހުށި މާތްاللّـه سبحانه وتعالىގެ މިންވަރުފުޅުގައިވަނީ، ޝަހީދުންނަށް ޚާއްޞަ ކުރައްވައިފައިވާ މަތިވެރި ދަރަޖަ، އެކަލޭގެފާނަށް ދެއްވުމަށެވެ. މާކުރީއްސުރެ އެކަލޭގެފާނު ހިތްޕުޅުގެ އަޑީން އެދިވަޑައިގަންނަވަމުން ގެންދެވި ފަދައިންނެވެ. އެހެންކަމުން، އެ ޒަޚަމުގެ ސަބަބުން އެކަލޭގެފާނުގެ ފުރާނަފުޅު، މާތްاللّـهގެ ޙަޟްރަތަށް ދަތުރުކޮށްފިއެވެ. އަރަހުށި މާތްاللّـهގެ ޙަޟްރަތުން ރިޒުޤު ލިބިވަޑައިގަންނަވާގޮތުގައި، ދާއިމަށް ދެމިތިއްބަވާ، ޝަރަފުވެރި މާތް ޖަމާޢަތުގައި ޝާމިލުވެވަޑައިގެންފިއެވެ.

ކައުސާހިބާصلّى اللّـه عليه وسلّمއަށްخُنَيْسއަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާއެކު، ޖަންނަތުލް ބަޤީޢުގައި،السّيّدة حفصة رضى اللّـه عنــهاގެ މާބެعثمان بن مظعونرضى اللّـه عنــهގެ މަހާނަފުޅާ ޖެހިގެން،خُنَيْسފަސްދާނުލުމަށް އަމުރު ކުރެއްވިއެވެ. އިތުރު ސާހިބާ އިމާމުވެވަޑައިގެން، އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކޮށްދެއްވިއެވެ.

(ނުނިމޭ)