28 Jan 2016, 11:06
އިނގިރޭސި ލީގް ކަޕް ސެމީގައި އެވަޓަން ގޯލެއްޖަހައި ލީޑް ނަގާފައި ވަނިކޮށް ފަހަތިން އަރައި ތިން ގޯލް ކާމިޔާބްކޮށް 3-1ގެ ނަތީޖާ އަކުން މެންޗަސްޓާ ސިޓީ ފައިނަލްގެ ދަވަނަ ޖާގަ ހޯދައިފި އެވެ.
ސީޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗަށް ނުކުތް އިރު އެ ދެ ޓީމް ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު 1-2ގެ ނަތީޖާ އަކުން އެވަޓަން ވަނީ ކާމިޔާބުކޮށްފަ އެވެ.
ރޭގެ މެޗު ފެށިގެން އެވަޓަން އިން ރަނގަޅަށް ކުޅުނު އިރު އެ ޓީމްގެ ރޮސް ބާކްލީ ވަނީ 18 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް ސިޓީ ހާސް ކޮށްލައިފަ އެވެ.

ލީގް ކަޕް ގައި ސިޓީ އާއި އެވަޓަން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެވަޓަން އިން އެ މެޗުގެ ލީޑް ނެގި ނަމަވެސް އެ ލީޑް ދެމެހެއްޓުނީ އެންމެ ހަ މިނެޓް ވަނަދެންނެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ސީޓީގެ ފެނާންޑީނިއޯގެ ގޯލުން ނަތީޖާ ވަނީ ހަމަހަމަ ވެފަ އެވެ.
ސީޓީ އިން ދެވަނަ ގޯލް މެޗުގެ 70 ވަނަ މިނެޓްގައި ސްޓާލިން ތަނަވަސް ކޮށްދިން ފުރުސަތަކުން ކެވިން ޑި ބްރޫނީ ކާމިޔާބް ކުރި އިރު އެޓީމް ލީގް ކަޕްގެ ފައިނަލަށް ގެންގޮސްދިން ގޯލު އޭގެ ހަ މިނެޓް ފަހުން ބްރޫނީ ގެ އެހީތެރިކަމާ އެކު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ސާޖިއޯ އަގްއެރޯ އެވެ.
މެޗުގައި އެވަޓަންގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދަން މަސަތްކަތް ކުރި ނަމަވެސް އެ ޓީމަށް ވަނީ އެތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.

ލީގް ކަޕްގައި ސިޓީ އާއި އެވަޓަން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު މެނުއަލް ޕެލިގްރިނީ ބުނީ ފައިނަލަށް ދެވުމުން އުފާވާ ކަމަށާއި މިއީ ސިޓީ އަށް ހައްގު މޮޅެއް ކަމަށެވެ.
"އަހަރެމެންނަށް ހައްގު ފައިނަލަށް ދިއުމުގެ. ފުރަތަމަ މެޗުން އަހަރެމެން ބަލިވި ނަމަވެސް މި މެޗުގައި ސިޓީގެ ފަރާތުން ފެނިފައި ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް. ފައިނަލްގައި ލިވަޕޫލް ބަލިކުރެވޭނެ ކަމުގެ އުންމީދު ބޮޑު،" ޕެލެގްރިނީ ބުންޏެވެ.
ލީގް ކަޕް ފައިނަލްގައި ފެބްރުއަރީ 28 ގައި ލިވަޕޫލް އާއި ސިޓީ ނިކުންނާނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.