ސްޓޮކްހޯމް (ޖެނުއަރީ 28): ސްވިޑެންއިން ހިމާޔަތް ހޯދުމަށާއި ހިޖުރަކުރުމަށް ފޯމުލާފައިވާ މީހުންގެ ތެރެއިން 80،000 ވަރަކަށް މީހުންގެ އެޕްލިކޭޝަންތައް ގަބޫލުނުކޮށް އެމީހުން އެގައުމުން ބޭރުކޮށްލަން ޖެހޭނެ ކަމަށް ސްވިޑެންގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރު ތެރޭގައި ސްވިޑެން އިން ހިމާޔަތް ހޯދުމަށް 163،000 މީހުން އެދިފައިވެ އެވެ. އޭގެ ތެރެއިން އެގައުމުން ބެލި 58،800 މީހެއްގެ އެޕްލިކޭޝަންގެ ތެރެއިން ގައުމުގައި ދިރިއުޅުމަށް ފުރުސަތު ދިނީ 55 ޕަސެންޓް މީހުންނަށެވެ. ސްވިޑެންއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން އެގައުމެއްގެ ހިމާޔަތް ހޯދުމަށް އެދޭ ގައުމެވެ.

ރެފިއުޖީން ޑީޕޯޓު ކުރާނީ ޗާޓަރު މަތިންދާބޯޓެއް ބޭނުންކޮށްގެން އެކި ފަހަރު މަތިން ކަމަށް ސްވިޑެންގެ މީޑިއާއަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ދިން އިންޓަވިއުއެއްގައި ބުންޏެވެ. އަދި އެގައުމަށް ހިޖުރަކުރަން ބޭނުންވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ހޮވާނީ ސްވިޑެންގެ ކޯޓުތަކުންނާ ކަމާ ބެހޭ ފަރާތްތަކުން ކަމަށް ވެސް މިނިސްޓްރީން ފާހަގަ ކުރި އެވެ.

ތުރުކީ މަގުން ގްރީސްއަށް ދިޔުމަށް ފަހު ޔޫރަޕަށްދާ މީހުންގެ އަދަދު ވަނީ 46،000 އަށް އަރާފައި ކަމަށް ޔޫއެން އިން ބުނެ އެވެ. އަދި ގްރީސް ކަނޑު ހުރަސްކުރުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 170 އަށް ވުރެ އިތުރުވެފައިވާ ކަމަށް ވެސް ޔޫއެން އިން ބުންޏެވެ. (ބީބީސީ)