28 Jan 2016, 11:22
އދ. މަޖިލިސް (ޖަނަވަރީ 28) : ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލާފައިވާ އަރަބި އެލަޔަންސުން ޔަމަނަށްދޭ ވައިގެ ޙަމަލާތަކުގެ ތެރޭން ގިނަ ހަމަލާތަކެއް އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ މަދަނީ ތަންތަނަށް އަމާޒު ކުރަމުން ގެންދާތީ މިއީ ހަނގުރާމައިގެ ޖަރީމާކަމަށް ބެލެވޭނެ އަމަލުތަކެއްކަމަށް އދ. ން ބުނެފި އެވެ.
ޔަމަންގައި ހިނގާ ހަނގުރާމައިގެ ކަންތައް ބަލައި މޮނިޓަރ ކުރާ އދ.ގެ ކޮމިޓީންބުނީ އަރަބި އެލަޔަންސުން ޔަމަނަށްދޭ ވައިގެ ޙަމަލާތަކުގައި އެގައުމުގެ އާންމުންގެ ތިންހާހެއްހާ އާންމުން މަރުވެފައިވާއިރު މީގެތެރޭގައި ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި މުސްކުޅިން ވެސް ހިމެނޭކަމުގަ އެވެ. ސައޫދީ އިސްކޮށް އޮވެގެން މިދިޔަ އަހަރުގެ މާޗްމަހު ޔަމަނަށް އަސްކަރީ ގޮތުން ވަދެގެންފައި ވަނީ ސައޫދީ އަށް ތާއީދުލިބިފައިވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަމުގެ ނިޒާމު ހިމާޔަތް ކުރުމުގެ ނަމުގަ އެވެ. ހާދީގެ ވެރިކަމާ ދެކޮޅަށް ނުކުތީ ޔަމަންގައި ޒަމާނުއްސުރެ ނިކަމެތިކޮށްލެވިފައިވާ ހޫޘީންނެވެ. ނަމަވެސް ޙޫޘީންގެ ފަހަތުގައި ވަނީ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކެވެ.
ޔަމަންގެ ސިފައިންނަކީ ވެސް ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙަށް ތާއީދުކުރާ ލަޝްކަރުތަކެކެވެ. ހޫޘީންނާއި ސާލިޙްގެ ބާރުތައް ބަލިކޮށް ވެރިކަން ހިމާޔަތް ކުރުމަށްޓަކައި ރައީސް ހާދީ އަސްކަރީ އެހީއަށް އެދިވަޑައިގެންނެވީ ސައޫދީގެ ކިބައިންނެވެ. ނަމަވެސް ހާދީ މިކަންކުރެއްވީ ހޫޘީންނާއި ރައީސް ސާލިޙްގެ ބާރުތަކާ ވާހަކަދައްކައިގެން ޔަމަންގެ ދާޚިލީ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމުގެ ފުރްސަތު އޮއްވައިކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހޫޘީންނަކީ ޝިޔައީ މުސްލިމުންނަށްވާތީ އެޖަމާއަތަށް ވާގިވެރިވަނީ އީރާންކަމަށް ސައޫދީއާއި ރައީސް ހާދީ ތުހުމަތު ކުރެއްވިނަމަވެސް އީރާނުން ހޫޘީންނަށް އަސްކަރީ އެހީ ދޭކަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތްކަމަށާ ހޫޘީން ހަނގުރާމަ ކުރަނީ ބަޑިފަދަ އާދައިގެ ހަތިޔާރުންކަމަށް އދ. ން ބުނެއެވެ.
ސައޫދީ އިސްކޮށް އޮވެގެން ޔަމަނަށް ދޭ ވައިގެ ޙަމަލާތަކަށް އަހަރެއްވާން ގާތްވެފައިވާއިރު ޔަމަންގެ ބޮޑެތި ސިޓީތަކާއި މަދަނީ އަދި އަސްކަރީ އިންފްރާސްޓްރަކްޗަރ ގެ ބޮޑުބައެއް ވަނީ ހަލާކުވެފައެވެ. އަދި އެމެރިކާގައި އުފައްދާފައިވާ ވަރުގަދަ ފައިޓަރޖެޓްތަކުން ސައޫދީ އިސްކޮށް އޮވެގެން އެގައުމާއި ގަލްފުގެ ދެތިން ގައުމަކުން ޔަމަނަށްދޭ ހަމަލާތަކުގައި ޔަމަންގެ ބޮޑުބައެއް ސުންނާފަތިވެ ރައްޔިތުންގެ އެއްބަޔަކު ތަދުމަޑުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށް ވެފައިވާއިރު އަނެއްބަޔަކުވަނީ ޒަޚަމްވެ އަދި ރެފިއުޖީންނަށް ވެފައެވެ. އަދި އަރަބި އެލަޔަންސްގެ ހަމަލާތަކުގައި ފާއިތުވި 10 ވަރަކަށް މަސްތެރޭގައި ޔަމަންގެ 10 ވަރަކަށް ހާސްމީހުން (ހަނގުރާމަވެރިންވެސް ހިމެނޭގޮތަށް) މަރުވެފައިވާނެ ކަމަށް އދ. ން އަންދާޒާ ކުރެއެވެ.
އަރަބި އެލަޔަންސުން ޔަމަނަށް ދޭ ވައިގެ ޙަމަލާތަކުގައި ސައޫދީންގެ އިތުރުން ބައިވެރިވަނީ ގަތަރާއި ޔޫއޭއީ އަދި ބަހްރައިން މިތިން ގައުމެވެ. މިތިން ގައުމުގެ ތެރެއިން އެމެރިކާގެ އެންމެ ވަރުގަދަ ހަތިޔާރު ހުރި ގައުމަކީ ސައޫދީއެވެ. އަރަބި އެލަޔަންސްގެ ޙަމަލާތައް ދެފަހަރެއްގެ މަތިންވަނީ ޑޮކްޓާސް ވިތައުޑް ބޯޑާސް ޖަމާއަތުން ޔަމަންގައި ހިންގާ ދެ ހޮސްޕިޓަލަކަށްވެސް އަރާފައެވެ. މިޙަމަލާތަކުގައި އެ ދެ ހޮސްޕިޓަލްވެސްވަނީ މުޅިން ހަލާކުވެފައެވެ. އަދި ބަލިމީހުންގެ ތެރެއިންވެސް އެތަށްބަޔަކު ވަނީ މަރުވެފައެވެ. (ނޫސްއެޖެންސީތައް)