ދުނިޔޭގެ ބައެއް ހިސާބުތަކުގައި ހަލުއިކަމާއި އެކު ފެތުރެމުންދާ ޒިކާ ވައިރަހަށް ފަރުވާ ދިނުމަށްޓަކައި ވެކްސިންއެއް ތައްޔާރުކޮށް، އާންމުކޮށް ބޭނުން ކުރެވޭނީ މީގެ 10 ވަރަކަށް އަހަރު ފަހުން ކަމަށް އެމެރިކާގެ ސައިންސްވެރިން ބުނެފި އެވެ.

މިހާތަނަށް ޝިފާއެއް ހޯދިފައި ނުވާ ޒިކާ ވައިރަސް ދުނިޔޭގައި މީގެ ކުރިންވެސް އުޅުނު ނަމަވެސް، މި ވައިރަހުގެ "ބިރު ބޮޑުވީ"، ބްރެޒިލްގައި ބޮލުގެ އައިބުތަކަކާއި އެކު ތުއްތު ކުދިންތަކެއް އުފަންވާން ފެށުމުންނެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ޓެކްސަސްގެ ސައިންސްވެރިން އިސްނަގައިގެން ބްރެޒިލްއަށް ގޮސް ބެލި ބެލުމަށްފަހު، ޒިކާ ވައިރަހަށް ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދެ އަހަރު ދުވަސް ތެރޭގައި ވެކްސިން ތައްޔާރުކޮށް ނިމޭނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް، ވެކްސިން ބޭނުން ކުރެވޭނީ ނަގަންޖެހޭ ބައެއް ހުއްދަތައް ނަގައިގެން ކަމަށާއި، މި ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ވެކްސިން ބޭނުންކުރެވޭ ވަރު ވާނީ 10 ވަރަކަށް އަހަރު ފަހުން ކަމަށް ސައިންސްވެރިން ބުނެ އެވެ.

އީޑީޒް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ ވައިރަސް ބްރެޒިލްގައި ފެތުރެން ފެށީ 2015 ގެ މޭ މަހު އެވެ. މި ވައިރަސް ޖެހިފައިވާ މީހުންނަށް ލިބޭ ދަރީންގެ ބޮލުގެ ނާށިގަނޑާއި ސިކުނޑި ރަނގަޅަށް ނުއުފެދި، އައިބުކަމެއް ހުރެ އެވެ. މިއާއި ވިދިގެން ވިސްނުމުގެ އުނިކަމާއި، ފެނުމާއި އަޑު އިވުމުގެ މަހްރޫމުކަމުން ފެށިގެން ޅަ އުމުރުގައި މަރުވުމުގެ ފުރުސަތު އެކުދިންނަށް ބޮޑެވެ.

ޒިކާ ވައިރަސް ޖެހުމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަށިގަނޑުގެ އެކި ހިސާބުތަކުން ރޭޝް ވުމާއި، ހުޅު ހުޅުގައި ރިއްސުމުގެ އިތުރުން ދެލޯ ރަތްވުން ހިމެނެ އެވެ.