ޑިމޮކްރެޓިކް ގައުމުތަކުގައި ގާނޫނު ހެދުމުގެ ބާރަކީ މިނިވަން ވަކި ބާރެކެވެ. ސަރުކާރަކީ ގާނޫނު ހެދުމުގެ އެއްވެސް ހައިސިއްޔަތެއް އޮންނަތަނެއް ނޫނެވެ. ހަމައެހެންމެ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރަކީ ވެސް ގާނޫނު ހެދުމުގެ ހައިސިއްޔަތު ލިބިގެންވާ ބާރެއް ނޫނެވެ. ގާނޫނުތައް ހެދުމުގައި ސަރުކާރުގެ ދައުރަކީ ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހެޅުމެވެ. ޝަރުއީ ކޯޓުތަކަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިޔާ ކަނޑައަޅައި އަދުލު އިންސާފު ގާއިމު ކުރުމަށް އޮންނަ ތަންތަނެވެ. ގާނޫނެއްގައި ވަކި ގޮތަކަށް ކަމެއް ކުރަން ލާޒިމްކޮށްފައި އޮއްވައި އެއާ ޚިލާފަށް ކަމެއް ކުރުމުގެ ބާރު ކޯޓްތަކަކަށް ނޯވެ އެވެ. މިއީ ދިމިގްރާތީ ނިޒާމުގައި އެކަން އޮންނަ އުސޫލެވެ. އަދި ރާއްޖެ ބަލައިގެންފައިވާ ތަހުޒީބީ ގާނޫނު އަސާސީ ވެސް ބުނާ ގޮތެވެ.

ނަމަވެސް ބައެއް ފަހަރު ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގައި އެންމެ ފަހުބަސް ބުނާ، ސުޕްރީމް ކޯޓުން ގާނޫނުތަކުގައި ވަކި ގޮތަކަށް ސޮރީހަ އިބާރާތުން ލިޔެފައި ހުންނަ ގާނޫނުގެ ބައެއް މާއްދާތަކާ ފުށުއަރާ ގޮތަށް، ސާކިއުލާތަކާއި އާންމު ސިޓީ ފަދަ ތަކެތިން އަމަލު ކުރާ ކަމަށް ފެނެ އެވެ.

ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ބުނެފައި ވަނީ ރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވާ ފަރާތަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ. ރައްޔިތުންގެ މަޖިލީސް ފިޔަވައި އެހެން މުއައްސަސާއަކަށް ގާނޫނު ހެދުމުގެ ބާރު ގާނޫނު އަސާސީން ދީފައެއް ނުވެ އެވެ. ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ލިބިގެންވަނީ ގާނޫނުތަކުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ބާރު އެކަންޏެވެ. އެ ގަވާއިދުތާކައި އުސޫލުތައް ހަދާއިރު ގާނޫނުގައި ލިޔެފައި އޮންނަ ކަމަކާ ޚިލާފުގޮތަކަށް ގަވާއިދާއި އުސޫލު ހެދުމުގެ ބާރު ވެސް ލިބިގެންނުވެ އެވެ.

ޝަރީއަތް ކުރުމާއި ގާނޫނު އަސާސީ މާނަކުރުމުގެ އިތުރުން ގާނޫނެއްގެ އެއްވެސް މާއްދާއެއް ގާނޫނު އަސާސީއާ ޚިލާފުކަމުގައިވާ ނަމަ އެ މާއްދާއެއް ބާތިލުކުރުމުގެ ބާރަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެކެވެ. ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) އިން އެކަން ވަރަށް ސާފުކޮށް އެނގެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނު އަސާސީއާ ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓާއި ހައިކޯޓަށް ކަމަށެވެ.

ގާނޫނެއްގައި ކަޅާއި ހުދުން ސާފު އިބާރާތުން ލިޔެފައި އޮންނަ ގޮތް ނޫން އެހެން ގޮތަކަށް އަމަލު ކުރުމަށް ސާކިއުލާތަކާއި އާންމު ސިޓީތައް ސުޕްރީމް ކޯޓަކަށް ނުނެރެވޭނެތޯ މިއީ ސުވާލެކެވެ. ގާނޫނު އަސާސީއާ ތައާރަޒުވާ ކަމެއް ކަމުގައިވާ ނަމަ، އެ މާއްދާ ބާތިލު ނުކުރެވޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު ސުޕްރީމް ކޯޓުން ނެރޭ ސާކިއުލާތަކާއި އާންމު ސިޓީތަކުން މުޅިން ފެންނަނީ އެ މަންޒަރެއް ނޫނެވެ.

ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ހައިކޯޓުން ނިންމާ މައްސަލައެއް، އެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅަން ވާނީ ހައިކޯޓުން އެ މައްސަލައެއްގެ ހުކުމްކުރި ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އެ 90 ދުވަސް ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

އޮޅުމެއް ނެތެވެ. ސާފު އިބާރާތުން ކޯޓުތަކުގެ ގާނޫނުގައި އެ ގޮތަށް ބަޔާންކޮށްފައި އޮތް އިރު، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ނ)ގައި ވަނީ ހައިކޯޓުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޖެހޭނީ ހައިކޯޓުން އެ ނިންމުމެއް ނިންމިތާ 60 ދުވަހުގެ ތެރޭގައި ކަމަށެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޗުއްޓީގެ މައްސަލާގައި ވެސް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެފަދަ ގޮތަކަށް ކަމަށް ބައެއް ގާނޫނީ ވަކީލުން ގަބޫލުކުރެ އެވެ. އަދި ސުޕްރީމް ކޯޓުގެ ރައުޔު ނެތި ފަނޑިޔާރުންނަށް ޗުއްޓީ ނުދެވޭނެ ކަމަށް ބުނުމަކީ ވެސް ފަނޑިޔާރުންގެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބައެއް ވަކީލުން ގަބޫލުކުރެ އެވެ. އެހެނީ ފަނޑިޔާރުންގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ އެއް ފަނޑިޔާރަކަށް ވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓެއް ނަމަ، އެ ކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީގެ ކަންތައް ހަމަޖައްސާނީ އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރުގެ ޗުއްޓީގެ ކަންތައް ހަމަޖައްސަން ވާނީ އުއްތަމަ ފަނޑިޔާރު ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.

އެ މާއްދާއަށް ބަލާލުމުން އެނގިގެން މިދަނީ ސުޕްރީމް ކޯޓުން ހަމަޖައްސަންޖެހޭނީ އިސް ފަނޑިޔާރުގެ ޗުއްޓީ ކަމެވެ. އިސް ފަނޑިޔާރު ފިޔަވައި ދެން ތިބޭ ފަނޑިޔާރުންގެ ޗުއްޓީ ހަމަޖައްސަން ވާނީ އިސް ފަނޑިޔާރު ކަމެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ގާނޫނުގައި އޮތްގޮތެވެ.

ގާނޫނުގައި މިހެން އޮތް އިރު، މިދިޔަ މަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އާންމު ސިޓީގައި ވަނީ "މީގެ ފަހުން ދިވެހި ރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ޗުއްޓީ ހަމަޖައްސަން ވާނީ އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމުގައި ދެންނެވީމެވެ،" މިހެންނެވެ.

ކޯޓުތަކުގެ އިސް ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުންނަށް ޗުއްޓީ ދޭންޖެހޭނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރުންގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ)ގައި ކަނޑައަޅާފައި އޮތްއޮތުމަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަނޑައެޅުމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައެއް ނުވެ އެވެ. ނަމަވެސް ގާނޫނު އެހެން އޮއްވައި އޭގެ މައްޗަށް އާންމު ސިޓީއެއް ނެރުމުން މިވާ ގޮތަކާ ދޭތެރޭ ސުވާލު އުފެދެ އެވެ.

އިސްތިއުނާފުގެ މުއްދަތު ކަނޑައެޅުމާ ގުޅޭ ގޮތުން ގިނަ ސާކިއުލާތަކެއް ސުޕްރީމް ކޯޓުން ވަނީ ނެރެފަ އެވެ. އަދި ހަމައެހެންމެ ބައެއް ފަހަރު އިސްތިއުނާފުގެ މުއްދަތު ކަނޑައަޅާ ގޮތް ސުޕްރީމް ކޯޓުގެ ގަވާއިދުގައި އޮވެފައި އަނެއްބައި ފަހަރު ސާކިއުލާ މެދުވެރިކޮށް އެ މުއްދަތު ކަނޑައަޅާފައިވުމުން އާންމު ރައްޔިތުންނަށް އެ މައުލޫމާތު ހޯދައިގަތުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވެ އެވެ. ގާނޫނެއްގައި ލިޔެފައި އޮތުމުން ފަސޭހަ ކަމާ އެކު އެ ގާނޫނު ބަލާލުމުން އެ ގާނޫނުގެ ދާއިރާގެ ތެރޭގައި ހުންނަ ހުރިހާ ކަމެއް ސާފުކޮށް އެނގިގެންދެ އެވެ. ގާނޫނުގައި ބުނާ ގޮތާ ޚިލާފަށް ސާކިއުލާތައް ނެރުމުގެ އިތުރުން މިއީ ވެސް ކަންބޮޑުވާ މައްސަލައެކެވެ.

ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތައް މެދުވެރިވަނީ ސުޕްރީމް ކޯޓު ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނެތުމުންނެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބު ދާރީ ކުރެވޭނެ ގޮތެއް ނެތް. ޖުޑީޝަލް ސާވިސް ކޮމިޝަނުން ގިނަ ކަންތައްތައް ނިންމަން މިޖެހެނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން. އަނެއްކާ ޖުޑީޝަލް ސާވިސް ކޮމިޝަން މި އޮތީ ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ދަށުގައި،" އަލީ ހުސައިން ވިދާޅުވި އެވެ.

އާ ގާނޫނު އަސާސީއެއް ގެންނަން ދިވެހީން ބޭނުންވީ ޝަރުއީ ދާއިރާ ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ކަންކަން ހިނގަމުން އައި ގޮތް ކަމުނުދާތީ އެކަންކަން އިސްލާހު ކުރުމަށެވެ. އާ ގާނޫނު އަސާސީގެ ހިޔަލުގެ ދަށުން ޝަރުއީ ނިޒާމަށް ރަނގަޅު ބަދަލުތަކެއް އަ އެވެ. ނަމަވެސް މިހާރު ހިނގަމުންދާ ކަންތައްތަކަކީ އިސްލާހު ކުރެވެން ޖެހޭ ކަންތައްތަކެކެވެ. މުޅި ޝަރުއީ ނިޒާމު ގޯހީކީ ނޫނެވެ. ކުރަންޖެހޭ ކަމަކީ ޝަރުއީ ނިޒާމުގައި ހުރި މިފަދަ އުނި ސިފަތައް ނައްތާލުމެވެ. ޝަރުއީ ނިޒާމަށް ފުރިހަމަ އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހެ އެވެ.