28 Jan 2016, 01:52
ސާޖަރީއެއް ހެއްދެވުމަށް އިނގިރޭސިވިލާތައް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މައިބަދައިގެ އޮޕަރޭޝަން ކުރައްވާނެތޯ ކުރެއްވި ސުވާލަށް އެމަނިކުފާނު ސީދާ ޖަވާބެއް ނުދެއްވައި ދޫކޮށްލައްވައިފި އެވެ.
ސީއެންއެންގެ ޕްރޮގްރާމެއްގައި ނަޝީދާ ކުރިމަތި ކުރެއްވި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ބުރަކަށީގެ މައްސަލަ އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ ޒުވާން ދުވަސްވަރުގައި ޖަލަށް ލެވި، އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ކަމަށާއި، އަނެއްކާވެސް ބަންދުގައި ހުންނަން ޖެހިވަޑައިގަތުމުން ބުރަކަށީގައި ރިހުމަށް ލުޔެއް ނުލިބުނު ކަމަށެވެ.
"އެހެންކަމުން ޖަލު ޑޮކްޓަރުން ވިދާޅުވީ އަޅުގަނަޑު އެބަ ޖެހެޔޭ ސާޖަރީއެއް ކުރަން،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އެ ސުވާލާއި ގުޅިގެން އިތުރު ވާހަކައެއް އެމަނިކުފާނު ދައްކަވާފައި ނުވާއިރު، އޮޕަރޭޝަން ކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެމަނިކުފާނު ވިދާޅެއް ނުވިއެވެ.
ނަޝީދަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ދިޔަ ބޭފުޅެކެވެ. އެމަނިކުފާނު އިނގިރޭސިވިލާތައް ބޭސްފަރުވާއަށް ދިޔުމުގެ ހުއްދަ ދިނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ.
ކަރެކްޝަނަލް ސާވިސް އިން އެ ހުއްދަ ދޫކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވާފަހުން ވެސް ނަޝީދަށް އިނގިރޭސިވިލާތުގައި ހުރެވޭނީ ޑޮކްޓަރުގެ ލަފާގެ މަތިން ކުރު މުއްދަތަކަށެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެމަނިކުފާނަށް ބޭސްފަރުވާކުރަން ދީފައި ވަނީ ޖުމްލަ 45 ދުވަހުގެ މުއްދަތެއް ކަމަށެވެ.
ރައީސް ނަޝީދު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ މި މަހުގެ 18 ވަނަ ދުވަހުގެ ރެ އެވެ.