މާލޭގައި ދިރިއުޅޭ ތިނަދޫ ޒުވާނުންގެ ބަޔަކު އިސްނަގައިގެން އެރަށަށް އެހީވުމުގެ ހަރަކާތެއް ފަށައިފިއެވެ.

ތިނަދޫ ރައްޔިތުންނަށް އެހީވާ ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ ގދ. ތިނަދޫ، ރޯމަރުގޭ މުހައްމަދު އައުޒަމް ބުނީ އެ ޓީމް މެދުވެރިކޮށް ތިނަދުއަށް އެހީ ފޮނުވުމުގެ ފުރުސަތު ހެޔޮއެދޭ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

"މާލޭގައި ތިބި ތިނަދުއަށް އެހީވާން ބޭނުންވާ ފަރާތްތައް އަޅުގަނޑުމެން އެކޮޅާ ކަނެކްޓު ކޮށްމިދެނީ،" އައުޒަމް ބުންޏެވެ.

އޭނާ ބުނީ އެ ޓީމްގެ މަގުސަދަކީ ތިނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކަށް އެހީވުން ކަމަށެވެ.

މިހާރު އެންމެ އިސްކަމެއްދީގެން ތިނަދުއަށް ފޮނުވަމުން ދަނީ އުއްބަތި އާއި ޓޯޗު، މަދިރި ދުންދަނޑި އަދި މަދިރި ލޯޝަންފުޅި ތަކެތި ކަމަށާއި ސަބަބަކީ މިހާރުގެ ހާލަތައް ބަލާއިރު އެއީ ޒަރޫރީގޮތުން އެންމެ ބޭނުންވާނެ ތަކެތި ކަމުގައިވާތީ ކަމަށް އޭނާ ބުންޏެވެ.

މިއަދު ހެނދުނު ހަތް ކޭސް އުއްބައްތި މާލެއިން ތިނަދުއަށް ފޮނުވާފައިވާ ކަމަށާއި އެރަށަށް ފޮނުވުމަށް 700 އުއްބައްތި މިހާރު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ޒުވާނުންގެ އެ ޓީމްގެ މެމްބަރުން ތިނަދޫގައި ވެސް ހަރަކާތްތެރިވާނެ ކަމަށެވެ.