ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލީ ބަޔާން ހާމަ ކުރުމަށް ބައެއް މެންބަރުން ދެކޮޅު ހައްދަވައިފި އެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅައި މެންބަރުންގެ މާލީ ބަޔާނާ މެދު އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ނުވާ ކަމަށާއި އެ ބަޔާނާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ހުށަހަޅާފައިވާ މައްސަލަ ސުލޫކު ކޮމިޓީން ދިރާސަ ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅުމުން ކުރިއަށް ގެންދިޔަ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ ޝަރީއަތުގެ އެންގުމެއްގެމަތިން ނޫން ގޮތަކަށް މެންބަރުންގެ މާލީ ބަޔާނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ވިދާޅުވީ، ޝަރީއަތް މެދުވެރިވެގެން ނޫން ގޮތަކަށް މެންބަރުންގެ މާލީ ބަޔާނާ ބެހޭ މައުލޫމާތު އެއްވެސް ފަރާތަކަށް ނުލިބޭ ގޮތަށް ސުލޫކު ކޮމިޓީން ނިންމާފައިވާ ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ.

"މަޖިލިސްގެ މެންބަރުން ވެސް އެކަމާ ދެކޮޅު ނުހައްދަވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަޅުގަނޑުމެންގެ މާލީ ބަޔާން ހޯދަން ބޭނުންވެއްޖެ ނަމަ ޝަރުއީ މަރުހަލާއަކަށް ގޮސް އެ މަރުހަލާ އަކުން ކޯޓު އަމުރަކާ އެކީގައި ނުވަތަ ކޯޓުން ނިންމާ އުސޫލެއްގެ މަތިން އަޅުގަނޑުމެން މި ތިބީ އެ ބަޔާންދޭން." މޫސާ މަނިކު ވިދާޅުވި އެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، އެގޮތަށް ގާނޫނު އަސާސީގައި ހިމެނާފައި ވަނީ، ދައުލަތުގެ ފައިސާ އިން މުސާރަ ބޭނުންކޮށްގެން ނުވަތަ ދައުލަތުގެ މަގާމުތަކުގެ ތެރޭގައި އުޅޭ ފަރާތްތައް ވީހާ ވެސް ބޮޑަށް ކަރަޕްޝަނާއި ފަސާދައިން ދުރުކޮށް މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ގާއިމް ކުރުމަށް ކަމަށެވެ.

ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވެސް ވިދާޅުވީ، ގާނޫނު އަސާސީގައި މަލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ބުނި ނަމަވެސް އެ ބަޔާން ހާމަ ކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނުވާ ކަމަށެވެ. އަދި މާލީ ބަޔާން ހުށަހެޅުމަށް އެހެން ބައެއް ގައުމުތަކުގައި އޮންނަނީ މަޖިލީހުގައި ހިމެނޭ މެންބަރުންނަކީ ދައުލަތުގެ އެހެން މަގާމުތައް ވެސް އަދާކުރާ ބަޔަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވެސް ވިދާޅުވީ މެންބަރުންގެ މާލީ ހާލަތު އާއްމު ކުރުމުން ބައެއް މެންބަރުން ކަންބޮޑުވާނެ ކަމަށާއި އަނެއްބައި މެންބަރުން ލަދު ގަންނާނެ ކަމަށެވެ.

"ފައިސާ މާގިނަ އިން ހުންނަވާ ބޭފުޅުން ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާނެ. ފައިސާ ނުހުންނަ ބޭފުޅުން ލަދު ގަންނާނީ. އަޅުގަނޑުމެންގެ ހާލަތު މީޑިޔާގައި ހާމަ ވަމުންދާ ދުވަސް ވަރެއްގައި ބޭނުންހާ މީހަކަށް މި ހަގީގަތްތައް ލިބެން އޮތުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ގަބޫލު ކުރާ ކަމެއްނޫން." އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ.

މާލީ ބަޔާން ހާމަ ކުރުމާ ދެކޮޅު ހެއްދެވި މެންބަރުން، ވަރަށް ބޮޑަށް މީޑިޔާ އަށް ފާޑު ވިދާޅުވި އެވެ. އެ މެންބަރުން ވިދާޅުވީ މެންބަރުންގެ އަގު ވައްޓައިލުމަށް ކަނޑައެޅިގެން ދޮގު ވާހަކަތައް ބައެއް މީޑިޔާތަކުން ފަތުރަމުން ގެންދާ ކަމަށާއި މި ދަނޑީވަޅުގައި އެ މައުލޫމާތުތައް އާއްމުކޮށްފި ނަމަ މީޑިޔާ އިން މެންބަރުންނަށް އިތުރު ފިއްތުންތައް ކުރިމަތި ކުރާނެ ކަމަށެވެ.

އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ މާލީ ބަޔާން ހާމަ ކުރުމަށް ވެސް ތާއީދު ކުރައްވައިފަ އެވެ. ހާއްސަކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ހިޔާލާ ދެކޮޅަށް އެ ޕަޓީގެ މެންބަރުން އެ މައްސަލައިގައި ވަކާލާތު ކުރައްވާފައިވާކަން ފާހަގަ ކުރެވެ އެވެ.

މަނަދޫ ދާއިރާގެ މުހައްމަދު ތޯރިގު ވިދާޅުވީ، ޝަރީއަތް މެދުވެރިކޮށްނޫން ގޮތަކަށް މާލީ ބަޔާނާ ބެހޭ މައުލޫމާތު ލިބޭގޮތަށް އޮތް އޮތުމަށް ވަރަށް ސާފު ބަހުން ދެކޮޅު ހައްދަވާ ކަމަށެވެ. އަދި މީޑިޔާ އިން މެންބަރުންނަށް އިނގިލި ދިއްކުރާ ވާހަކަ ދައްކަމުން މެންބަރުންނަށް މި ކުރެވޭ ކަމަކީ އަމިއްލަ ކަންތައް ސިއްރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަންތައް ހާމަކޮށްގެން އަޅުގަނޑުމެންގެ ކަންތައް މީޑިޔާ އަށް އެނގިގެން އަޅުގަނޑުމެންނާ ބެހޭ ހަގީގީ ވާހަކަ ދައްކަން އެނގޭނީ. ގާނޫނު އަސާސީގައި ނެތް މިކަން ހާމަ ނުކުރެވޭނެ ކަމަކަށް ވެސް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މިހިސާބަށް ގެންނަން ޖެހޭ ކަމެއްނޫން. މަޖިލީހުގެ ވެބްސައިޓުން ބޭނުން ބަޔަކަށް ބެލޭ ގޮތަށް އެ މައުލޫމާތުތައް ހުންނަން ޖެހޭނެ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ މެންބަރުންނަކީ ރައްޔިތުން ހޮވާ ބައެއް ކަމަށާއި، މެންބަރުންނަށް ލިބޭ މާލީ ކުރިއެރުންތަކާއި އެހެނިހެން މައުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

މާލީ ބަޔާން އާއްމު ކުރުމަށް ތާއީދު ކުރެއްވި މެންބަރުން ވިދާޅުވީ، އެ މައުލޫމާތު އާއްމު ކުރުން މުހިއްމު ވަނީ މަޖިލީހުގައި ނެގޭ ވޯޓުތަކުގައި މެންބަރުންނަށް ހުށަހެޅޭ ފުރުސަތުތައް ރައްޔިތުންނަށް އެގެން ޖެހޭނެ މައުލޫމާތަކަށް ވާތީ ކަމަށެވެ. އަދި އެފަދަ ފުރުސަތުތައް ބޭނުންކޮށްގެން މާލީ ގޮތުން ކުރިއަރާ ފަރާތްތައް ރައްޔިތުންނަށް އެނގިގެންދާނެތީ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި މެންބަރުންނަށް މީޑިއާ އިން ފާޑު ކިޔަނީ އެ ފުރުސަތު މެންބަރުން ދެއްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތޯރިގުގެ ހުށަހެޅުއްވުމަށް ތާއީދުކޮށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ވިލި މާފަންނު ދާއިރާގެ މެންބަރު ނިހާން ހުސައިން މަނިކާއާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ހަމީދު ފާހަގަ ކުރެވެ އެވެ.