ތިނަދޫން: އަހުމަދު ސާއިލް އަލީ

މަގުމަތިން ފެންނަ ކޮންމެ މީހެއްގެ އަތުގައި ކަރުދާސް ފޮށިގަނޑަކުން ހަދާފައިވާ ފަންކާއެއް އެބައޮވެ އެވެ. އެއީ ހޫނުވެގެން އުޅޭ މިރަށު ކޮންމެ މީހަކަށް ސްކޫލް ދަރިވަރުން ދެމުންދާ ހަދިޔާއެކެވެ. އެ ހަދިޔާ ތައްޔާރު ކުރުމުގައި ހަރަކާތްތެރި މިވަނީ ގދ. އަތޮޅުގެ ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކިޔަވާކުދިންނެވެ. ރައްޔިތުން އިތުރު ފަރާތްތަކުގެ އެހީއަށް ބޭނުންވެފައިވާ ދަނޑިވަޅުގައި އެހީގެ އަތް ދިއްކޮށްލަން ނުމުކެ ތިބީ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނެވެ.

ކަރަންޓުގެ ހިދުމަތް ނުލިބި ބައްތި ދިއްލައިގެން މިރަށު ރައްޔިތުން އުޅެމުންދާ އިރު އެ ރައްޔިތުންނަށް ބައްތި ދިއްލުމަށް ބޭނުންވާ ސާފުތެޔޮ ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ ވެސް އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. އެސްޓީއޯ އިން ދީފައިވާ އެތެޔޮ ކޮންމެ ގޭބިސީގެ މައްޗަށް ހަމަހަމަކޮށް ބެހުމުގައި އެ ދަރިވަރުން ބުރަ މަސައްކަތުގައި ދުވާލުގެ ގިނަ ވަގުތުތަކެއްގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

ތެޔޮ ބެހުމުގެ އިތުރުން ރަށު ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ހޫނުވުމުން ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި ވެސް އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން މުދާ އަޅަން ބޭނުންކުރާ ކަރުދާސް ފޮށި ކަފައިގެން 530 އަތު ފަންކާ ހެދުމަށް ފަހު މިވަނީ ރައްޔިތުންނަށް ބަހައިފަ އެވެ.

ތިނަދޫ އެންމެ ބޮޑަށް އެހީއަށް ބޭނުންވި ދަނޑިވަޅުގައި މިރަށުގެ ކިޔަވާކުދިން ނިކުމެ މިވަނީ ނަމޫނާ ދައްކައިފަ އެވެ. ރައްޔިތުންނަށް އެހީވުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެ ސްކޫލުގެ ސުކައުޓާއި ކެޑޭޓުގެ އިތުރުން ގާލްގައިޑުގައި ހަރަކާތްތެރިވާ ދަރިވަރުންނެވެ.

އަތޮޅު ތައުލީމީ މަރުކަޒު ޕުރިންސިޕަލް ޒީމާ އަބްދުﷲ ވިދާޅުވި ގޮތުގައި މިފަދަ ކާރިސާތަކުން ގިނަ ފިލާވަޅުތަކެއް ދަރިވަރުން ދަސްކުރަން ޖެހެ އެވެ. މިފަދަ ފުރުސަތުތަކުން އުނގެނުމުގެ ތަޖުރިބާއެއްގެ ގޮތުން ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ކަންތައްތަކެއްކޮށް، އެ ތަޖުރިބާ ކުދިންނަށް ލިބިގެންދާ ކަމަށް ޒީމާ ވިދާޅުވި އެވެ.

"މިސާލަކަށް ފުޅިބައްތިއެއް ތައްޔާރު ކުރުން، އެއީ ވެސް ދަސްކުރަން ލިބޭ ފުރުސަތެއް. އެހެންކަމުން އެކަހަލަ ފުރުސަތުތަކުގެ ބޭނުން އެއީ އަޅުގަނޑުގެ އިލްތިމާސްއަކީ." ޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ މިރަށު ރައްޔިތުންނަށް ބޭނުންވާ އަތު ފަންކާ ދަރިވަރުން ބަހާފައިވާ އިރު މިއަދު މިރަށު ރައްޔިތުނަށް ބޭނުންވާ ބައްތި ހެދުމުގެ މަސައްކަތް ދަރިވަރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތަފާތު އެކިއެކި ފުޅިތައް ބޭނުންކޮށްގެން ބައްތިތައްޔާރުކޮށް ބެހުމަށް ދަނީ ތައްޔާރުވަމުންނެވެ.

"މިދަނޑިވަޅުގައި ކުދިންނަށް ލިބޭ ފުރުސަތެއް މިއީ އާކަންތައްތަކެއް ތަޖުރިބާކޮށް ދަސްކުރަން. އެހެންވީމަ މިފުރުސަތުގެ ބޭނުން އެކަށީގެންވާ ގޮތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހަރަކާތްތައް މިކުރިއަށް ގެންދަނީ." ޒީމާ ވިދާޅުވި އެވެ.

ތިނަދޫން ކަރަންޓް ކެނޑި، ސްކޫލްތައް ވަގުތީ ގޮތުން ބަންދު ކުރަން ޖެހުނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެއްޓިތާ ދެ ހަފްތާއެއްހާ ދުވަސްވީތަނާ އެވެ. ޒީމާ ވިދާޅުވީ މިހާރު ލިބިފައިވާ "ޗުއްޓީގައި" ފިލާވަޅުތައް މުތާލިއާކޮށް ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދަން ދަރިވަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ތިނަދު އަށް ކުރިމަތިވެފައިވާ ދަތި ދުވަސްވަރު ހިދުމަތް ކުރަން ނިކުމެ ތިބި ކުދިން ވެސް ވަނީ މިއީ ރަނގަޅު ތަޖުރިބާއެއް ކަމަށް ބުނެފަ އެވެ. ގާލް ގައިޑުގެ ޔަންގް ލީޑަރު ހަޒްބާ މުހައްމަދު އަހުމަދު ބުނި ގޮތުގައި މިފަދަ ހާލަތުގައި ނިކުމެ ކުރާ މަސައްކަތުން ވަރަށް ބޮޑު އެއްޗެސް ދަސްވަމުން ދެ އެވެ.

"އެހީތެރިވުމުގެ ގޮތުން އެކި ދުވަސްދުވަހު ފުޅި ބައްތި ކަހަލަ އެއްޗިސް ހަދައި ފޯރުކޮށްދޭގޮތަށް މިއޮތީ." ހަޒްބާ ބުންޏެވެ.

ކަރަންޓު ނެތުމުގެ ސަބަބުން މިރަށު ތިން ސްކޫލުގެ ވެސް ކިޔެވުން މިވަނީ ނުބޭއްވި އެވެ. ޒީމާ ވިދާޅުވާ ގޮތުގައި ކަރަންޓުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި އަންނަ ހަފްތާގައި ސްކޫލުތައް ފެށޭނެ ކަމަށް އުންމީދު ކުރެވެ އެވެ. ޒީމާ ވިދާޅުވާ ގޮތުގައި މިރަށުގައި ކަރަންޓުގެ މައްސަލަ ހައްލުވަންދެން ކޮންމެ ދުވަހަކު ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.