28 Jan 2016, 00:15
އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯ އިފްތިތާހް ކޮށްފި އެވެ.
އިސްލާމިކް ސްޓޫޑިއޯ އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި މިރޭ އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އެވެ.
ޒަކާތު ފަންޑަށް ދޭ އެހީގެ ތެރެއިން ވުޖޫދަށް އައި ސްޓޫޑިއޯގެ މަގްސަދަކީ ޒަމާނީ ވަސީލަތްތަކާ އެކު ދީނީ ސައްހަ މައުލޫމާތު ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިހާރުވެސް އިސްލާމިކް ސްޓޫޑިއޯ އިން އަންނަނީ ޔޫޓިއުބުގައި ޗެނަލެއް ހިންގަމުންނެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ތަފާތު ޕްރޮގްރާމްތަކާއި ހަރަކާތްތައް އެ ސްޓޫޑިއޯ އިން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
އިސްލާމިކް ސްޓޫޑިއޯގެ ޕްރޮގްރާމްތައް ރާއްޖޭގެ މީޑިއާތަކުން ދެއްކޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ އިރު، މިނިސްޓްރީގެ ހުރިހާ މީޑިއާ އެއް ބެލެހެއްޓުން ދަރުސްތަކާ އެހެނިހެން އިވެންޓުތައް ކަވަރުކޮށް ބެލެހެއްޓުމަކީ ވެސް ސްޓޫޑިއޯގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިން މިނިސްޓަރ ޑރ.އަހްމަދު ޒިޔާދު ބާގިރް ވިދާޅުވީ މިރޭ އިފްތިތާހް ވެގެންދިޔަ ސްޓޫޑިއޯގެ ސަބަބުން ދިވެހި ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެން ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލައި، މުޖުތަމައުގައި ގެއްލިފައިވާ އިޖުތިމާއީ އަދަބުތަކާއި އަގުތަކަށް އާރޯކަމެއް ގެނެސްދީ، ދިވެހި ދައުލަތުގެ ދީނީ ސިޔާސަތު އާންމުކޮށްދޭނެ ވަސީލަތަކަށް އިސްލާމިކް ސްޓޫޑިއޯ ވެގެންދާނެ ކަމަށެވެ.
އިސްލާމިކް ސްޓޫޑިއޯ އިތުރަށް ތަރައްގީކޮށް، މަސައްކަތްތައް ފުޅާކޮށް ދީނީ ޗެނަލެއް އުފެއްދުމުގެ މަސައްކަތްވެސް ވަރަށް އަަވަހަށް މަސައްކަތް ފަށާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޝަހީބު ވިދާޅުވީ، ދިވެހިންގެ ތެރޭގައި މިހާރު ހަމައެކަނި ސިޔާސީ ވާހަކަތައް ބްރޯޑްކާސްޓު ކުރުމުގެ ހިތި ނަތީޖާ ފެންނަމުން އަންނަ ކަމަށާއި، ސިޔާސީ ވާހަކަތައް ނޫން އެހެން މައުލޫމާތު ލިއްބައިދޭނެ ޗެނަލްތައް އުފެއްދުން މުހިންމު ކަމަށެވެ.