28 Jan 2016, 08:34
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް އުމުރުން އެންމެ ތިން އަހަރުގެ އިބްތިހާލުގެ ގަބުރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވި އެވެ. އިސާހިތަކު މުޅި ގައުމުގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ފަރުދުން، ތެޅިފޮޅިގަތެވެ. އެކުއްޖާފުޅު މަރާލާފައި އޮތީ އެހާ ވެސް އަނިޔާވެރިކޮށެވެ.
މީގެ އެއް އަހަރު ކުރިން ވ. ރަކީދޫގައި ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިހާލް، މަރާލި ހާދިސާ ހިނގި ދުވަހަށް ފަހު މަހެއްހާ ދުވަސްވަންދެން އެކަން އެހެން ކުރިއަށް ދިޔައެވެ. އޭނާގެ ގާތިލުކަމަށް ބެލެވުނު މަންމަ ހިފައި ހައްޔަރުކޮށް، ރަކީދޫން އުފުރާލައިގެން މާލެއަށް ގެނައެވެ. ވާހަކައިގެ ބާރުމިން އެހާހިސާބުން ކެނޑުނީ އެވެ.

ވ ރަކީދޫގައި އިބްތިހާލު ދިރިއުޅުނު ގެ، މެރިންކޯނަރ -- ސަންފައިލް ފޮޓޯ
ނަމަވެސް އެވާހަކަ އަކީ އެހިސާބުން ނިމެންވީ ވާހަކައެއް ނޫނެވެ. އެހާދިސާގެ ފަހަށް ފާއިތުވެ މިދާ ދުވަސްތަކާއި އެހާދިސާގެ އިހަށް ފާއިތުވެ ދިޔަ ދުވަސްތަކުގެ ވާހަކަ ވެސް ދެކެވެން އެބަ ޖެހެ އެވެ. އެފަދަ ހާދިސާތައް ހިނގުމަށް ރާއްޖޭގެ މުޖުތަމައު އަދިވެސް އޮތީ ހުރިހައި ގޮތަކުން ފަހިވެފައި ކަމަށް ވާތީ އެވެ.
ހާދިސާއަށް ނަޒަރެއް
މުޙައްމަދު އިބުތިހާލް މަރާލާފައި އޮއްވައި ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އިބުތިހާލްގެ މަންމަ އާފިޔާ އަޙުމަދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރުނެރުނެވެ. އަދި އެމައްސަލައިގައި އެއްވެސް މުއައްސަސާއަކުން އިހުމާލްވެފައިވޭތޯ ތަހުގީގުކުރުމަށް އަމުރެއް ނެރުއްވާނެ ކަމަށް އޭރު ހުންނެވި ޕްރޮސެކިއުޓާ ޖެނެރަލް އަމުރުކުރެއްވި އެވެ.
އިބްތިހާލްގެ މަންމަ އާފިޔާ ހައްޔަރުކޮށް އިތުރު ތަހުގީގަށް މާލެއަށް ގެނައީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. އިބްތިހާލަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތަށް އާފިޔާގެ ދޮން ބައްޔަ އަހުމަދު ރައޫފް ހައްޔަރުކުރީ 2015 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 16 ވަނަ ދުވަހު އެވެ.
ތަހުގީގުތައް ނިމި އާފިޔާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، އެމައްސަލަ ކްރިމިލް ކޯޓަށް ހުށަހެޅީ މޭ މަހުގެ 24 ވަނަ ދުވަހު އެވެ. އާފިޔާގެ ދޮން ބައްޕަގެ މައްސަލަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެކޯޓަށް ހުށަހެޅި އެވެ.
އާފިޔާ ފުލުހުންގެ އޮފިސަތުންތަކާއެކު ކްރިމިނަލް ކޯޓަށް ވަންނަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
،
މިހާރު އެމައްސަލަ އޮތީ ކިހާ ހިސާބެއްގައި؟
ކުޑަކުޑަ މުޙައްމަދު އިބުތިހާލު އަނިޔާވެރި ގޮތަކަށް މަރައިލި މައްސަލަ ކްރިމިނަލް ކޯޓުގެ ދޮރުން އެތެރެވެ، ޝަރީއަތް ފެށި އިރު، އެ ކުއްޖާފުޅަށް އިންސާފު ހޯދައި ދިނުމަށާއި އެކަން އަވަސްކުރަން ގޮވި ގޮވުންތައް ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެކަން ގާތްގަނޑަކަށް ހަނދާން ވެސް ނެތި ހިނގައްޖެ އެވެ. ކޯޓްގައި އޮންނަ އަޑު އެހުންތައް މީޑިއާގައި ރިޕޯޓް ކުރާ ދުވަސް ދުވަހު ސޯޝަލް މީޑިއާގައި ބައެއް ކޮމެންޓްތަކާއި ސްޓޭޓަސްތައް ނުޖަހާ ވާހަކައެއް ނޫނެވެ. ނަމަވެސް ސަމާލުކަން އޮތީ ކުޑަވެފަ އެވެ.
އެމައްސަލައިގެ ޝަރީއަތުގެ ސްޕީޑްވެސް މިހާރު ހުރީ އެފަދަ ގޮތަކަށެވެ.
އިބްތިހާލްގެ މަންމަގެ މައްޗަށް ދައުލަތުން އުފުލީ ދެ ދައުވާއެކެވެ. އެއީ ގަސްދުގައި ކުއްޖަކު މަރައިލިކަމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދެދައުވާއަށް އޭނާ ވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ. އެ ކުޑަކުއްޖާގެ ކަރުގައި ހިފިންތޯއާއި މޭގައި ޖެހިންތޯ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ސުވާލުކުރެއްވުމުން އާފިޔާ ވަނީ އެކަމަށް ވެސް އާއެނކޭ ބުނެފަ އެވެ.
އިބުތިހާލް މަރައިލި މައްސަލައިގެ ޝަރީއަތް ނުނިމި އޮތީ ކީއްވެތޯ ދެންނެމުން ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް އަޙުމަދު މުޙައްމަދު މަނިކު ވިދާޅުވީ ޝަރީއަތެއް ކުރިއަށް ގެންދިއުމަކީ ހަމަ އެކަނި ކޯޓުގެ އަމިއްލަ އިޚުތިޔާރުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.
"... މިހެން ދަންނަވަން ޖެހޭ ސަބަބަކީ ޝަރީއަތެއް މިކުރެވެނީ ދައުވާ ކުރާ ފަރާތުގެ ވަކީލުން، ދައުވާ ލިބޭ ފަރާތް، ދައުވާ ލިބޭ ފަރާތުގެ ވަކީލުން، މައްސަލައާ ގުޅުން ހުރި ހެކިން، މިހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުކުރެވިގެން. މިއިން އެއްވެސް ފަރާތެއް ކޯޓަށް ހާޒިރުކުރުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ، އެއީ ވެސް ލަސްވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިބުތިހާލު މަރައިލި މައްސަލައިގެ ޝަރީއަތުގެ ބައެއް އަޑު އެހުންތައް ކެންސަލްކޮށްފައި ވަނީ އޭނާ ވިދާޅުވި ފަދަ ގޮތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ބާއްވަން އުޅުނު އަޑުއެހުމެއް ކެންސަލްކޮށްފައި ވަނީ މައްސަލައަށް ތައްޔާރުވުމަށް އިބުތިހާލްގެ މަންމަ، އާފިޔާގެ ވަކީލުންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
އާފިޔާގެ ދޮން ބައްޕަ ރައޫފާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ބައެއް އަޑު އެހުންތައް ވެސް އެފަދަ ބައެއް ސަބަބުތަކާ ހެދި ކެންސަލްކޮށްފައިވެ އެވެ.
އިބުތިހާލް މަރައިލި މައްސަލައިގައި މިހާތަނަށް ކޯޓަށް ހުށަހަޅާފައި ވަނީ ދެމީހެއްގެ މައްސަލަ ކަމަށް ވިޔަސް، އެ ހާދިސާގެ ޒިންމާ އުފުލަން ޖެހޭ އެހެން ބައެއް ފަރާތްތައް ވާނެކަމަށް ބެލެވެ އެވެ. އެހެނީ އިބްތިހާލް މަރާލީ އެންމެ ދުވަހަކު ކުރި އަނިޔާއެއްގައެއް ނޫނެވެ. އެކުއްޖާފުޅަށް އަނިޔާ ކުރާކަމުގެ މައްސަލަ، އެފަކީރު ދުނިޔެ ދޫކުރުމުގެ ކުރިން ވެސް އޮތީ ފެންމަތިވެފަ އެވެ.
އިބްތިހާލު މަރައިލި ހާދިސާއަށް އެއް އަހަރުވުމާ ގުޅިގެން ، ސަން އިން ކުރި ސުވާލަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ޖަވާބުން ދޭހަވަނީ، ރަނގަޅަށް ތަހުގީގުކޮށް، އެފަދަ މައްސަލައެއް (އިބްތިހާލު މަރައިލި މައްސަލައިގައި އިހުމާލުވާ ފަރާތެއްގެ މައްސަލައެއް) އަދި އެ އޮފީހަށް އެއްވެސް މުއައްސަސާއަކުން ފޮނުވާފައި ނުވާ ކަމެވެ.
"... އެކަމާ ގުޅޭ ދެ މައްސަލައެއް( އިބްތިހާލު މަރައިލިކަމުގެ ދައުވާ އާފިޔާގެ މައްޗަށް ކުރުމަށާއި އިބްތިހާލަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ދައުވާ ރައޫފްގެ މައްޗަށް ކުރުމަށް) ވާނީ ކޯޓަށް ފޮނުވާފައި. އިހުމާލުވި ފަރާތްތަކުގެ މައްސަލަތަހުގީގުކޮށް، ކަމާ ބެހޭ ފަރާތްތަކުން ފޮނުވީމާ އެމައްސަލަ ކުރިއަށް ގެންދާނެ،" ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވާހަކަފުޅު ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
އަނިޔާވެރި ގޮތަކަށް އިބުތިހާލު މަރައިލި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތް ހިންގި ހުކުމެއް ކުރެވިފައި ނުވަނީ ގިނަ ސަބަބުތަކަކާ ހެދި ކަމަށް ވެދާނެ އެވެ. އެކަމުގައި މުއައްސަސާއަކުން ނުވަތަ މުއައްސަސާތަކަކުން އިހުމާލުވީ ކަމަށް ވެދާނެ އެވެ. ނުވަތަ އެއްވެސް ފަރާތެއްގެ އިހުމާލެއް އެކަމުގައި ނެތް ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. އެފަދަ ނުރައްކާތެރި، އެފަދަ ލާއިންސާނީ އަމަލެއް ހިންގި މީހަކު ނުވަތަ ބަޔަކަށް އެކަމުގެ އަދަބު ލިބުން މާބޮޑަށް ވެސް ލަސްވެ ހިނގައްޖެ އެވެ. އެކަން ނުވެ، އަހަރެއް ފާއިތުވެ، އެހެން އަހަރެއް ފެށުނީމަ އެވެ.
އެމައްސަލަ ކޮޅެއްގައި ޖެހެން ވެއްޖެ އެވެ. އިބްތިހާލު މަރައިލި ބަޔަކަށް އަދަބު ލިބެން ވެއްޖެ އެެވެ.