28 Jan 2016, 08:44
ތިނަދޫން: އަހުމަދު ސާއިލް އަލީ
އުމުރުން 70 އަހަރުގެ އަންވަރު ހަސަން ގދ. ތިނަދޫ އަތިރިމަތީގައި ހަދާފައި ހުރި އަށްޓެއްގެ މަތީގައި އިށީނދެ ލައިގެން އިނީ މާޔޫސްކަން މަތީ އެވެ. ހަދާނެގޮތް ބޮޑުވެ ކަންބޮޑުވުމާއެކު އެވެ. އޭނާގެ ކަންބޮޑުވުމަކީ އޭނާ ޅައިރު އުޅެންޖެހުނު ގޮތަށް މިއަދު އޭނާގެ ދަރިން އުޅެންޖެހުމެވެ. އޭނާގެ ޅައިރު އެނޫން ގޮތެއް ނެތް ހާލަތެއްގައި އެހެން އުޅެން ޖެހިފައިވާ އިރު އަރާމް ދިރިއުޅުމަކަށް ފަހު ދަރިން އެހާލުގައި އުޅެން ޖެހުމަކީ އަންވަރުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
"ވަރަށް ދަތިހާލުގައި މިއުޅެނީ، ކިހާ ދުވަހެއް ވާނެތަ ކަރަންޓު ލިބެން." ކަންބޮޑުވުމާ އެކު ސުވާލު ކުރަމުން އަންވަރު ބުންޏެވެ.

މިއަދު މިރަށް އޮތް ހާލަތުން ރޭގަނޑު ވަގުތުތައް ހޭދަކުރަން ޖެހެނީ ފުޅި ބައްތީގެ އަލީގަ އެވެ. މަގުތަކާއި ގޭގޭތެރެއިން ފަނޑު އައްޔެއް ފިޔަވާ އިތުރު އަލިވެރިކަމެއް ނުފެނެ އެވެ. ވަމުންދާ ހޫނުން ސަލާމަތްވުމަށް ގޭދަށުގައި ބަހައްޓާފައިވާ ޖޯލި ނުވަތަ އަތުފަންކާ ފިޔަވާ އިތުރު އެހީއެއްނެތެވެ. ފެންވެރުމާއި ފާހާނާ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ފުއްދަމުންދަނީ ބާލިދީތަކަށް ފެން ފުރައިގެންނެވެ. މިއީ މިއަދު ގދ. ތިނދޫގެ ހާލަތެވެ.
ފުޅި ބައްތި އަލީގައި ނިދުމާއި ދާނިން ފެން ނަގައިގެން ފެންވެރުމާއި އެގޮތަށް ފެންނަގައިގެން ގައިންތާހިރު ވުމަކީ ދިވެހިންގެ މާޒީއެވެ. ކޮންމެވެސް ވަރަކަށް ދާނި އަދިވެސް ބޭނުންކުރި ނަމަވެސް ފުޅިބައްތިއަކީ މިހާރު ސަމާސާއަކަށް ނޫނީ ބޭނުން ކުރާއެއްޗެއް ނޫނެވެ. ދިވެހިން މިވަނީ އެއަށް ވުރެ އަރާމް ދިރިއުޅުމަކަށް ބަދަލުވެފަ އެވެ. ޒަމާނީ ތަރައްގީ އައިސްފައިވާ ރަށްތަކުގެ އެންމެ ކުރީގައި އުޅޭ އެއް ރަށަކަށް ހަމަ ގައިމު ވެސް ގދ. ތިނަދޫވާނެ އެވެ. ނަމަވެސް މިއަދު މިރަށުގެ ރައްޔިތުންގެ ދިރިއުޅުން މިވަނީ ދަތިހާލުގެ ތެރެއަށް ވެއްޓިފަ އެވެ.
"އަހަރެމެން ކުޑައިރު ހުންނަ ގޮތަށް މިހާރު މިވަނީ ކަންކަން ބަދަލުވެފައި، ތަންކޮޅެއް ކުރިން ހަނދާންވޭ ރޭގަނޑު 12 ޖެހުމަށް ފަހު ކަރަންޓް ކަނޑާލީމަ ބައްތި ދިއްލައިގެން އުޅޭގޮތް." އުމުރުން 34 އަހަރުގެ ރަމްޒާން އާދަމް ބުންޏެވެ.

އުފަލާއި އަރާމުގައި ޒަރޫރީ ބޭނުންތައް ފުއްދަމުންދިޔަ 10،000 މީހުންގެ އާބާދީ އޮންނަ ތިނަދޫ މިއަދު މިވަނީ ހިތްދަތިތަކެއްގެ ތެރޭގަ އެވެ. މިދިޔަ ހޯމަ ދުވަހު މިރަށު އިންޖީނުގޭގައި ރޯވެ އަނދާހުލިވެފައިވާ އިރު 22 މިލިއަން ރުފިޔާގެ ގެއްލުމަކާ އެކު މުޅި މިރަށުން މިވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ. އެއާ އެކު ޒަރޫރީ ބޭނުންތަކުން މިވަނީ މަހުރޫމް ވެފަ އެވެ.
ކުރީ ޒަމާނެކޭ އެއްގޮތަށް ޅަދަރިން ހޫނުން ސަލާމަތް ކުރުމަށް މިއަދު މިރަށު ރައްޔިތުން ނުކުންނަން ޖެހިފައި މިވަނީ އަތިރި މައްޗަށެވެ. އޭސީ އާއި ފަންކާގެ ފިންޏަށް ހޭނިފައިބިތި އެކުދިން މިހާރު ރޭގަނޑު ވަގުތުތައް ހޭދަކުރަމުން އެދަނީ ނުނިދަ އެވެ. ހޫނު ކަމާއި އަނދިރިވުމުގެ ސަބަބުންނެވެ.

"މިއީ ހަމަ އަހަރެމެންގެ ޅަ ދުވަސް، އެހެން އުޅެންޖެހިފައި މިއޮތީ" ތިނަދޫން ވާހަކަ ދެއްކި 65 އަހަރުގެ އަންހެނަކު ބުންޏެވެ.
ބޮޑު ފެންޑާގައި ބަހައްޓާފައި ހުންނަ ދިމާއެނދުގައި ނިދުމަކީ އޭރުގެ މާޒީ އެވެ. ހޫނާއި އަނދިރިކަމުން ސަލާމަތް ވުމަށް ތިނަދޫ މިވަނީ ގާތްގަނޑަކަށް އެހާލަތަށް ބަދަލުވެފަ އެވެ. ކޮޓަރިތަކުގެ ހޫނުން ސަލާމަތްވުމަށް ގޭގެ ކުދި ބޮޑެތި އެންމެން ނިދާ ތަނަކަށް ސިޓިން ރޫމް ނުވަތަ ފެންޑާ މިވަނީ ބަދަލުވެފަ އެވެ.
އަލިވެރިކަން ހޯދުމަށް ކުރީޒަމާނުގައި ބައްތި ފާނޫޒު ފަދަ ތަކެތި ބޭނުންކޮށްފައިވާ އިރު މިއަދު ތިނަދޫ މިވަނީ ހަމައެހާލަތައް ގޮސްފަ އެވެ. ހިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތައް ފިޔަވައި އެހެން ތަންތަނުގައި ހުރީ ބައްތީގެ އަލިކަމެވެ. ޗާޖްކޮށްގެން ނަމަވެސް ބޭނުން ކުރާ ލައިޓެއް ދިއްލިފައި ހުރީ މަދުގެއެއްގަ އެވެ.

ތިނަދުއަށް ކަރަންޓު ފޯރުކޮށްދޭ، ފެނަކަ ކޯޕަރޭޝަނުން، ތިނަދޫގެ މުހިއްމު މުއައްސާތަކަށް ކަރަންޓް ލިބޭނެ އިންތިޒާމު ވަގުތީ ގޮތުން ހަމަޖެއްސި ނަމަވެސް ގޭގެއަށް ކަރަންޓް ދެވޭނީ އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.
ތިނަދޫގެ ހާލަތު މިވަނީ ރަނގަޅަށް ވެސް 70 ގެ އަހަރުތަކުގެ ތެރެއަށް ވެއްޓިފަ އެވެ. އަމިއްލަ ފަރާތްތަކުން އޭރު މިރަށަށް ޖަނަރޭޓަރެއް ނުގެންނަ އިރު މިރަށުގެ ރައްޔިތުން އުޅެމުންދިޔަ ހާލަށް ކަންކަން މިވަނީ ރުޖޫވެފަ އެވެ. ތިނަދޫ ރައްޔިތުންގެ އެންމެ ބޮޑު އިންތިޒާރަކީ މިރަށަށް ކަރަންޓު ލިބޭނެ އިރެކެވެ.